ENGLISH
18 ޖުލައި 2025
"ކާންދޭ އަތުގައި ދަތް އެޅި ގުރައަށްޓަކައި" ވި ގުރުބާނީ ކިޔައިދިނީ އަސަރާއެކު
17 ޖުލައި 2025
|
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
"ރައްޔިތުން ރައީސް ޔާމިން މިނިވަން ކުރަން ނުކުންނާނެ،" މިއީ 2020 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމާ ގުޅިގެން އޭރު ޕީޕީއެމް/ ޕީއެންސީން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ޚާއްސަކޮށް އޭރު އެ ކޯލިޝަނުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތަކީ ފާހަގަކޮށްލެވޭ، މިއަދުވެސް އެކަންކަމުގެ ވާހަކަތައް ދެކެވޭ މަސައްކަތްތަކެކެވެ. އެމަނިކުފާނު މިނިވަން ވަންދެން މަގުމަތީގައި ހިންގާ ހަރަކާތްތައް ވަރުގަދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިސްބޭފުޅުންނަށާއި ސަޕޯޓަރުންގެ އަރިހުން ރައީސް ޔާމީނު އެދިވަޑައިގަތުމާއެކު ކަންތައްވެގެން ދިޔައީ އެމަނިކުފާނު ވިދާޅުވިގޮތަށެވެ.
އޭރުގެ ސަރުކާރުން ކުރަމުން ދިޔަ އަނިޔާއާއި ގޯނާ އަދި ކުރަމުން ދިއަ ޖެއްސުމަކަށް ނުބަލައި މުޅި ޕީޕީއެމް/ ޕީއެންސީން އެމަނިކުފާނުގެ ދިފާއުގައި މަގުމައްޗަށް ނުކުތީ ނުހަނު ހިތްވަރާއެކުގައެވެ. އެންމެފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އޭރުގެ ސަރުކާރުގައި ރައީސް މުއިއްޒު އެދިވަޑައިގަތުމުން އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމާ ހަމައަށް ވެސް މުޅި ކޯލިޝަން އޮތީ ރައީސް ޔާމީނަށް ނުހަނު ވަފާތެރިކަންމަތީއެވެ.
މުޒާހަރާތަކާއި، ސުލްހަވެރި އެއްވުންތަކުގައި ބައިވެރިވެގެން އެއްބަޔަކު ޖަލަށްލެވުނުއިރު، އަނެއްބަޔަކު ވަޒީފާއިން ވަކިކުރެވުނެވެ. ބޮޑެތި މާލީ ގެއްލުންތަކާއި، އާއިލީ ގުރުބާނީތައްވެސް އެތައް ބަޔަކު ވަފާތާރީކަމާއެކުވިއެވެ. ނަމަވެސް މިއަދު ކަންކަން މިވަނީ މުޅިން ބަދަލުވެފައެވެ. ބުނާތީ އަހަމެވެ. ބައެއް ފަހަރު ޚާދިމުން އެމީހުންގެ ވެރިންނަށް ޣައްދާރުވެއެވެ.
އެކަން އިހުސާސް ކުރެވޭނީ އެންމެ ވަފާތެރި މީހުންނަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ބުދަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި އެ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ.
ޝުޖާއު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީން ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް ހުރިހާ މަސައްކަތެއް ކުރީ ދޭންޖެހޭ ހުރިހާ އިޙްތިރާމެއް ދީގެން ކަމަށެވެ. އަދި އެމަނިކުފާނުގެ އިރުޝާދާ ޚިލާފަށް ނުވަތަ އެމަނިކުފާނުގެ ވިސްނުމާ ދެކޮޅަށް އެއްވެސް ގޮތަކަށް ޕާޓީގެ އެތެރޭގެ ހިންގުން ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ބޭނުންކުރި "ހުސް ގޮނޑި" އަކީ ކޮންގްރެސް ކޯލިޝަނުން ރައީސް ޔާމީނަށް ދިން އިއްޒަތާއި ޝަރަފެކެވެ. އަދި އެއީ ލީޑަރޝިޕްގެ މެދުގައި ކުރި މަޝްވަރާތަކުގެ ދަށުން އައި ނިންމުމެއްކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އެހެންނަމަވެސް، ވިދާޅުވީ އާޚިރުގައި ގޯސްވީ "ތިމަންނާމެން" ކަމަށެވެ.
"ހުރިހާ ކަމެއް އެ މަނިކުފާނު ވިދާޅުވިހާ ގޮތަކަށް ކުރީމާ ގޯސް މިވީ އަޅުގަނޑުމެން،" - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ޝުޖާއު ވިދާޅުވި ގޮތުގައި ޔާމީން މިނިވަންވެވަޑައިގެން އެ ހުންނެވީ ޕީއެންސީން ވެރިކަމަށް އައުމުންނެވެ. އެ މަނިކުފާނު ކޯޓުން މިނިވަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ގާނޫނީ ވަކީލު އާދަމް ޝަމީމާއި، އަބްދުﷲ ޝިޔާޒު ކަމަށާއި، އެ ކަމުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވަނީ ޔާމީންގެ ހައްގުގައި، އެމަނިކުފާނުގެ ދިފާއުގައި ޕީއެންއެފްގެ ޖަގަހަ ޖަލްސާތަކުގައި ވާހަކަދައްކަވާ އެ ޕާޓީގެ ބައެއް އިސްބޭފުޅުންނަށް ވެސް ބަހުގެ ހަމަލާތައް ރައްދުކުރައްވައިފައެވެ.
"މިހާރަކަށް އައިސް އަނގަފަޅައިގެން އުޅޭ ބައެއް މީހުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ހައްގުގައި އަޅުގަނޑުމެން ގުރުބާން ވެގެން ދިޔައިރު، ކަލޭމެން އެކަކު ވެސް ނުހުންނާނެއޭ. ފެންނަން ވެސް ނުހުންނާނެއޭ އިނގޭތޯ،" - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
"މަލީހު ހުރީ ބަދިގޭގައި ސަމޯސާ ހަދަން. ޖަމީލު ހުރީ އިނގިރޭސިވިލާތުގައި ވަގަށް ގޮވަން،" - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ޝުޖާއު ވިދާޅުވި ގޮތުގައި މިނިވަންވެވަޑައިގެން ހުންނެވިޔަސް މިހާރު ރައީސް ޔާމީނާއެކު ތިއްބެވީ ކަންނެތް ބައެކެވެ. އެ މަނިކުފާނުގެ ލެގަސީ ހިފެހެއްޓި ޓީމު އޮތީ ޕީއެންސީގައި ކަމަށާއި މިހާރު އެ މަނިކުފާނާ އެކުގައި ތިބި މީހުންގެ ހިތްވަރެއް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކުރީގެ މިނިސްޓަރު މަލީހު ޖަމާލް އާއި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދަކީ މިހާރު ޔާމީންއާ އެންމެ އަރިސްބޭފުޅުންނެވެ. އެކަމަކު، އެ ބޭފުޅުންނަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީނާ ދެކޮޅަށް ވެސް މަސައްކަތްކުރެއްވި ބޭފުޅުންނެވެ.
ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅިގެން ވެސް ރައީސް ޔާމީން ދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚައްސަކޮށް ޑޮލަރުގެ މައްސަލަ މިސަރުކާރަށް ހައްލު ނުވާނެ ކަމަށް ވިދާޅުވެ ރަައީސް ޔާމީން ދަނީ ފާޅުގައި ސަރުކާރަށް ގޮންޖައްސަވަމުންނެވެ. އަދި މި ސަރުކާރުގައި ތިއްބެވީ ވަގުން ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެސް އެމަނިކުފާނު ގެންދަނީ ތަކުރާރުކޮށް ކުރައްވަމުންނެވެ.
އެކަމަށް ވެސް ޝުޖާއު ވަނީ ރަނގަޅު ރައްދެއް ދެއްވާފައެވެ. ޝުޖާއު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ ރާއްޖޭގެ ދަރަނި ދެއްކުމަށް ޔާމީންގެ ވެރިކަމުގައި، އޭރު މަޖިލީހުގައި ތިބި ޕީޕީއެމް މެމްބަރުންގެ ވެސް މަސައްކަތުން ހުޅުވި ފަންޑެއް ކަމަށެވެ. އެކަމަކު، ކުރީގެ ސަރުކާރުން އެ ފަންޑު އެހެން ބޭނުންތަކަށް ހުސްކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މި ސަރުކާރަށް ފުރަތަމަ ވެސް ޖެހުނީ، ދެން އަންނަ ކޮންމެ ވެރިއަކަށް ހިތުހުރިގޮތަކަށް އެ ފަންޑުގައި ހުންނަ ފައިސާ ބޭނުން ނުުކުރެވޭނެ ގޮތް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނު ގޭގައި ހުރި ޑޮލަރުކޮޅު ބޭންކަށް ލާންވީނު. މިކަން ހައްލުވާނެ އޭރުން،" - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
"އަޅުގަނޑުމެންނަކީ ވަގުން ކަމަށް ވަންޏާ، ރައީސް ޔާމީން ވާންޖެހޭނީ މުލު ވަގަށްތާ. އެހެނުންތޯ،" - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒަކީ ތެދުވެރި ވެރިއެއް ކަމަށާއި އެމަނިކުފާނު ވައްކަމެއް ނުކުރައްވާނެ ކަމަށެވެ. މި ހުރިހާ ގުރުބާނީއެއްވީ، ރައީސް ޔާމީންގެ ހައްގުތައް ހޯދައިދިނުމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށެވެ. މުޅި ޕާޓީގެ އަމާޒަކަށްވީ ހަމައެކަނި އެމަނިކުފާނު މިނިވަންކުރުމެވެ. ނަމަވެސް މިއަދު އެމަނިކުފާނަށް ހަގީގަތުގައި ވަފާތެރިވި މީހުން މިވަނީ ވަގުންނަށްވެ ނިމިފައެވެ. ކަމެއް ނުވާ ޣައްދާރުންތަކަކަށްވެފައެވެ.