ENGLISH
10 ސެޕްޓެމްބަރު 2025
ބޭންކުތަކަށް މާރުކުރި ޑޮލަރުގެ އަދަދު 362 މިލިއަނަށް؛ ބޭންކުތަކުން ދޫކުރި ޑޮލަރު %14 މައްޗަަށް
17 ޖުލައި 2025
|
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ މިންވަރެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކުރި ފަހުން ޖޫން މަހުގެ ނިޔަލަށް 362 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށް، ބޭންކުތަކުން ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި ޑޮލަރު 14 އިންސައްތަ އިތުރުވެފައިވާކަަމަށް އެމްއެމްއޭއިން މައުލޫމާތު ދީފިއެވެ.
އެމްއެމްއޭއިން މި ޓީވީއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމުކުރި ފަހުން 362 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާއިރު އެއީ ނިމުނު އަހަރާ އަޅާބަލާއިރު 20 އިންސައްތަ އިތުރު އަދަދެކެވެ.
މާރުކުރި ފައިސާގެ ތެރެއިން %60 ބޭންކުތަކުން އެމްއެމްއޭއަށް ފޯރުކޮށްދީފައިވާއިރު އެ ފައިސާ އެމްއެމްއޭއިން ބޭނުންކުރަނީ ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށެވެ. އެއީ ބޭންކުތަކުން ވިޔަފާރިތަކާއި ފަރުދުންނަށް ދޫކުރާ ޑޮލަރާއި ބޭންކުތަކުން ދޫކޮށްފައިވާ ކާާޑުތަކުން ކުރާ މުއާމަލާތްތަކާ ގުޅިގެން ދޫކުރާ ޑޮލަރެވެ.
އެމްއެމްްއޭގެ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ބޭންކުތައް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު %14 އިތުރުވެފައިވެއެވެ. އަދި މިހާެރު ބީއެމްއެލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޭ ޑޮލަރުގެ އެހީ 30 އިންސައްތައަށް އިތުރުކުރަން ނިންމާފައިވެއެވެ. އެމްއެމްއޭގެ އަމާޒަކީ ޑޮލަރު ބޭންކުތަކަށް ދޫކުރާ މިންވަރު އިތުރުކޮށް އެ އެހީ 50 އިންސައްތައަށް އިތުރުކުރުމެވެ.
އެމްއެމްއޭއިން ދެކޭ ގޮތުގައި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ޑޮލަރު އިތުރުކުރެވޭނަމަ ޑޮލަރުގެ ކަޅު ބާޒާރަށް އޮތް ޑިމާންޑު މަޑުމަޑުން ނެތިކުރެވޭނެއެވެ. އަދި އެއީ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް އަންނަ ހެޔޮ ބަދަލަކަށްވާނެއެވެ.
ނަމަވެސް ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ބާޒާރަށް ޑޮލަރު ނެރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަނީ އަހަރުން އަހަރަށް ދަރަނި އަދާކުރުމަށް ޑޮލަރުން ކުރަންޖެހޭ ހޭދަ އިތުރުވާތީއެވެ. މި އަހަރު 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދަރަނި އަދާކުރުމަށް ހަރަދުކުރަންޖެހެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރާައި އަންނަ އަހަރު އަދާކުރަންޖެހޭ ދަރަނި އަދާކޮށް ނިމި، 2027 ވަނަ އަހަރު ޑޮލަރުގެ ބާޒާރު ކޮންޓުރޯލަށް ގެނެސް ޑޮލަރުގެ އަގު ރަސްމީ ރޭޓުކަމަށްވާ 15.42 ރުފިޔާއާ ހަމައަށް ތިރިކުރުމެވެ.