ENGLISH

18 ޖުލައި 2025

Advertisement

ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި، ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ނައިބް ރައީސް މަޝްވަރާކުރައްވައިފި

17 ޖުލައި 2025

|

ހަސަން އާމިރު

ގދ. ނަޑެއްލާ ކައުންސިލާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވަނީ. --ފޮޓޯ: ނައިބް ރައީސް

ގދ. ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށާއި ވަކިން ޚާއްޞަކޮށް ޒުވާނުން އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ޙާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރު އެ މަޝްރޫޢާއެކު ބިން ހިއްކުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ސްކޫލްގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކުރުމަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް ނަޑެއްލާ ބަނދަރުގެ މަޝްރޫޢަކީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވަން ބޭނުންފުޅުވާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިއަދުގެ ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ކުޅިވަރުގެ ދާއިރާއިން ހުރި ފަހި ފުރުޞަތުތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު