ENGLISH
18 ޖުލައި 2025
ސިއްހީ ދާއިރާގެ ހިދުމަތްތެރިޔާ އަބްދުލްކަރީމް އަވަހާރަވުން؛ ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
17 ޖުލައި 2025
|
ސިއްހީ ދައިރާއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަބްދުލްކަރީމް
ސިއްހީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ހިދުމަތްތެރިޔާ އަބްދުލްކަރީމް އާދަމް އަވަަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
1961 ވަނަ އަހަރުން ފެށިގެން 16 ޖުލައި 2009 ވަނަ އަހަރާ ހަމައަށް ސިއްހީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުލްކަރީމްވަނީ އެ ދާއިރާގައި ގިނަ ވަޒީފާތަކެއް އަދާކުރައްވާފައެވެ. އެގޮތުން ޞިއްޙަތު (ށ)ގެ ހެލްތު އެސިސްޓެންޓް ކަމާއި، ޞިއްޙަތު (ރ)ގެ ކެއްސުންބައްޔާ ބެހޭ ހެލްތު އެސިސްޓެންޓް ކަމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ފައިލޭރިއާއާ ބެހޭ ސީނިއަރ ހެލްތު އެސިސްޓެންޓް ކަމާއި، ޕަބްލިކް ހެލްތު ޑިވިޜަންގެ ހެލްތު އެސިސްޓެންޓް ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ހެލްތު އެސިސްޓެންޓް ކަމާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ ހެލްތު އެސިސްޓެންޓް ކަމާއި، ސެނިޓޭޝަން އޮފިސަރުކަން ކުރައްވައިފައި ވެއެވެ. އަދި އެ އޮތޯރިޓީގެ އެސިސްޓެންޓް މެނޭޖަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.
އަބްދުލްކަރީމަކީ ހެލްތު ވޯކަރުން ތަމްރީނުކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ކުރިއަށްގެންދިޔަ ޕްރޮގުރާމެއް ފުރިހަމަކުރެއްވުމަށްފަހު ސިއްހީ ހިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޭގެ ފަގުން އިންޑިޔާއާއި، ތައިލެންޑުން ކަމާ ގުޅުންހުރި ތަމްރީނުތައް ފުރިހަމަކުރައްވާފައިވެއެވެ.
އަދި ގައިންގައަށް އަރާ ނުރައްކާތެރި ބަލިތަކުގެ ތެރެއިން ޓީބީއާއި ފައިލޭރިއާއާއި ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ ފަރާތްތައް އެކަހެރިކޮށް ފަރުވާދިނުމުގައި އެކި އަތޮޅުތަކުގައި ހުންނަވައިގެން އެކި ފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް އަބްދުލްކަރީމް ހޭދަކުރައްވާފައިވެއެވެ. އަދި މާލޭގެ ގެދޮރުގައި ހުރި ވަޅުތަކަށް ކްލޮރިން އެޅުމާއި، ބޯ ފެން ޓެސްޓުކުރުމާއި ކޮލެރާ ވެކްސިން ދިނުމާއި ހޮޓާ ރެސްޓޯރެންޓުތަކުގެ ސާފުތާހިރުކަން ވަޒަަންކުރުން ފަދަ އެކި މަސައްކަތްތަކުގައި އޭނާ އުޅުއްވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓް ކުރާ ކަންނެލި، ޔޫރަޕްގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް، ސެޓުފިކެޓު ދޫކުރެއްވުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި އުމުރުން ދުވަސްވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް، ނުރަސްމީ ގަޑިތަކުގައި ގޭގެޔަށް ޒިޔާރަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ކުދިން ޚިތާނުކުރުމުގެ މަސައްކަތްވެސް ޢަބްދުލްކަރީމް އާދަމް ވަނީ ވަރަށް ހީވާގިކަމާއެކު ކުރައްވައިފައެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސްވަނީ އަބްދުލްކަރީމަަކީ 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވައި، އެތައް ބަޔަކަށް ބޭސްފަރުވާކޮށްދެއްވި ހިދުމަތްތެރިއެއް ކަމަށެވެ. އަދި އޭނާ އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެވަޑައިހެން އާއިލާއަށް ތަރުޒިޔާ ވިދާޅުވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަބްދުއްރަހީމާމެދު ރައީސް އިތުރަށް ވިދާޅުވީ އޭނާއަކީ ފާއިތުވި ބައި ގަރުނެއްހައި ދުވަހު ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި ބޮޑެތި ބަދަލުތަެއް ގާތުން ދެކެވަޑައިގެންނެވި ތަޖުރިބާކާރު އެންމެންގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އޭނާއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެން ހުންނެވި ޝަރަފުވެރިއެއް ކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވައިލެއްވީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމާއި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި އޭނާ ލެހެއްޓެވުން އެދިވަޑައިގެން ދުއާކުރައްވަމުންނެވެ.