ENGLISH
18 ޖުލައި 2025
ޣައްޒާގައި އެހީ ބަހާ މަރުކަޒެއްގެ ދޮށުގައި އެތައް ބަޔަކު ފިތިބާރުވެގެން ޝަހީދުވެއްޖެ
17 ޖުލައި 2025
|
ފަލަސްޠީނުގެ ޣައްޒާގައި އެހީ ބަހާ މަރުކަޒެއްގެ ދޮށަށް އެއްވި ބަޔަކު، ފިތި ބާރުވެގެން ޝަހީދުވެއްޖެއެވެ.
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް ފެށިފަހުން، އެކި ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް ބޮޑުވެ، ބަޑިޖަހައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ.
ޣައްޒާގެ ޚާން ޔޫނުސްގައި ހުރި މަރުކަޒެއްގެ ދޮށުގައި ފިތިބާރުވެގެން 21 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުންޏެވެ.
އަދި މި ހާދިސާ ހިނގަން މެދުވެރިވީ، އިންތިޒާމުތައް ދޯހަޅިކަމުން ކަމަށާއި މި ހާދިސާގެ ޒިންމާ ޖީއެޗްއެފުން އުފަލަންޖެހޭކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޖީއެޗްއެފުން ބުނީ، މި ހާދިސާގައި 19 މީހަކު ޝަހީދުވެފައިވަނީ ފިތިބާރުވެގެން ކަމަށާއި، ދެން ތިބި ދެ މީހުންގެ ގަޔަށް ވަޅިން ޙަމަލާދީ ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އަދި މި ހާދިސާ ހިނގަން މެދުވެރިވީ، އެހީ ބަހާ މަރުކަޒު ދޮށަށް އެއްވި މީހުންގެ ތެރޭގައި ހަތިޔާރު ހިފައިގެން ތިބި ޙަމާސް ޖަމާޢަތުގެ ބަޔަކު ތިބުމުގެ ސަބަބުން ކަމަށް ޖީއެޗްއެފުން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް، ޣައްޒާގެ ރަސްމީ އިދާރާތަކާއި މަންޒަރު ދުށް މީހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ، ފިތިބާރުވެގެން 21 މީހަކު ޝަހީދުވީ، އިޒްރޭލު ސިފައިން އެއްވި މީހުންގެ ތެރެއަށް ކަރުނަ ގޭސް ޖެހުމުން ކަމަށެވެ.
މިގޮތުން، މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ޖީއެޗްއެފްއިން އެހީ ބަހަން ފެށިފަހުން، އެހީގެ މަރުކަޒުތަކުގެ ކައިރިން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 870 އަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖީއެޗްއެފް އުފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.
ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.