ENGLISH

18 ޖުލައި 2025

Advertisement

ޖީއެމްއާރްއިން ތަރައްގީކުރަން އުޅުނު އެއާޕޯޓާއި، ދިވެހިން އަމިއްލައަށް ހޯދައިގަންނަ ޒަމާނީ އެއާޕޯޓުގެ ތަފާތު

17 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކޮށް ބޮޑުކުރުމަށް މިއަދު ވެރިކަންކުރާ ސިޔާސީ ފިކުރުގެ ކުރީ ވެރިކަމުގައި ފެށި މަސައްކަތް، މިވެރިކަމުގައި ގެނުވި ހަލުއިކަމާއެކު ނިމުމަކާ ގާތަށް އައިސްފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ބައެއް ބޭފުޅުން އުޅުއްވަނީ އެ ބޭފުޅުންގެ ފުރަތަމަ ވެރިކަމުގައި އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ދީގެން ހިންގި ޖަރީމާގައި މަތިއަޅައި، މިއަދު އައިސްފައިވާ އަދި އަންނަމުންދާ ތަރައްގީއަށް ފަސްއަޅާށެވެ. 

ޖީއެމްއާރްއާއެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން 25 އަހަަރަަށް އެ ކުންފުންޏަށްބ އެއާޕޯޓު ހަވާލުކުރީ ކިހައި ވަރެއްގެ ތަރައްގީއެއް އެއާޕޯޓަށް ގެންނަ ގޮތަށްތޯއެވެ؟ ސުވާލުގެ ޖަވާބު މުހިއްމުވަނީ މިހާރު އެއާޕޯޓަށް އައިސްފައި އޮތް ކުރިއެރުމާއި ޖީއެމްއާރްގެ އަތްމަތީ އެއާޕޯޓު އޮތްނަމަ އަންނާނެ ކުރިއެރުން އަޅައިކިޔުމަށެވެ. އެފަދަ އަޅަައިކިއުމެއް ނެތި، ޖީއެމްއާރްއިން އެއާޕޯޓު އަތުލުމާއި، އެއާޕޯޓުގައި ހިންގަން ފަށާފައިވާ ބޮޑު މަޝްރޫއު ހިންގުމަށް ދަރަންޏަށް އެތައް މިލިއަން ޑޮލަރެއް ނެގި ނެގުމަކީ ރަނގަޅު ކަންކަން ކަމުގައި ނުބުނެވޭނެތީއެވެ. 

އެއާޕޯޓަކީ އިގުތިސާދާ ލާމެހިފައިވާ ތަނެކެވެ. ހަމައެކަނި ފަތުރުވެރިކަމާއެއް ނޫނެވެ. ވިޔަފާރިއާވެސް އެއާޕޯޓާ ގުޅިފައިވެއެވެ. އެއާޕޯޓު ފުޅާކުރުމުގެ ތަސައްވުރު ގުޅިފައިވަނީ އިގުތިސާދު ފުޅާކުރަން ބޭނުންވާ މިންވަރާއެވެ. އެހެންކަމުން ޖީއެމްއާރް ލައްވައި އެމްޑީޕީން ގެންނަން އުޅުނު ތަރައްގީއާއި މިހާރު އެއާޕޯޓަށް އަންނަމުންދާ ތަރައްގީ އަޅައިކިޔައިލުމުން ދެ ފިކުރެއްގައި ދިވެހި އިގުތިސާދު ފުޅާކުރަން ވިސްނާފައި އޮތް މިންވަރު ވަޒަަންކުރެވޭނެއެވެ. 

އައު ރަންވޭއެއްގެ ހިޔާލެއް ނެތް 

ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުގައި ކުރިއްސުރެ ރަންވޭއަކީ ވަރަށް ދުވަސްވީ ރަންވޭއެކެވެ. ރަންވޭތައް ފަދަ ބިނާރުތައް އިވެލުއޭޓުކުރާ ބައިނަލްއަގުވާމީ ފާމެއް ކަމުގައިވާ ޑިނަޓެސްޓު މެދުވެރިކޮށް 2007 ވަނަ އަހަރު ހެދި ދިރާސާތަކުންް ދައްކާ ގޮތުގައި އެ ރަންވޭގެ 7،600 އަކަމީޓަރު އޮތީ އަލުންބަލުން ހަދަންޖެހޭ މިންވަރަށް ބައުވެ ހަލާކުވެފައެވެ. އެ ރަންވޭއަކީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓަށް ޖެއްސޭވަރުގެ ރަންވޭއެއް ނޫނެވެ. 

ޖީއެމްއާރްއާއެކު އެމްޑީޕީ ސަރުކާރުން ގާއިމުކުރި އެއްބަސްވުމުގައި އައު ރަންވޭއެއްގެ ވާހަކައެއް ނެތެވެ. އޮތީ ބައު ރަންވޭ ބޭނުންކުރާނެ ވާހަކައެވެ. ޖީއެމްއާރްގެ ސީއީއޯ އެންޑްރޫ ހެރިސަން މިހާރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެއިރު އޮތް ބައު ރަންވޭ މަރާމާތުކޮށްގެން 35 އަހަރަށްވެސް ބޭނުންކުރެވޭނެ ކަމަށެވެ. 

މާނަައަކީ ކޮބައިތޯއެވެ؟ ދުވާލަކު އެއާޕޯޓަށް ޖެއްސޭ ފުލައިޓުތައް އިތުރުކުރުމުގެ ވިސްނުން ނެތުމެވެ. އެއާޕޯޓަށް އަންނަ ފުލައިޓުތަކުގެ ސައިޒް ބޮޑުކުރުމުގެ ވިސްނުމެއްވެސް ނެތުމެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރާނަމަ ބޭނުންތެރި ކަންކަމެވެ. އަދި މިހާރު ފަށާފައިވާ ސީ ޓު އެއާ ކާގޯ ފަދަ އައު ސިނާއަތްތައް ކުރިއަރުވާނަމަ އެކަމަަށްވެސް ބޭނުންތެރި ކަންކަމެވެ. 

ޓާމިނަލްވެސް މާ ކުޑަ 

ފާއިތުވި އަހަރު ރާއްޖެއަށް ދެ  މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. ކޮންމެ އަހަރަކުވެސް އޭގެ ކުރީ އަހަރަށްވުރެ ދެ ލައްކައެއްހައި ފަތުރުވެރިން އިތުރުވަމުންދެއެވެ. ފަތުރުވެރިން އަންނަ މިންވަރު މި ދުވެލީގައި އިތުރުވަމުންދާއިރު މިހާރު ހުރި ޓާމިނަލުގެ ބަދަލުގައި އައު ޓާމިނަލެއް އެއާޕޯޓުގައި އަޅަންޖެހެއެވެ. ޖީއެމްއާރްއިންވެސް އެފަދަ ޓާމިނަލެއް އެޅުމަށް އެއްބަސްވިއެވެ. 

ނަމަވެސް އެ އެއްބަސްވުމުގައި އޮތީ 45،000 އަކަމީޓަރުގެ ޓާމިނަލެއްގެ ވާހަކައެވެ. އިންޓަނޭޝަނަލް އެއާޕޯޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ)ގެ ލެވެލް އޮފް ސާވިސް (އެލްއޯއެސް)ގެ "ސީ" ގްރޭޑުގެ ޓާމިނަލެއްގެ ވާހަކއެވެ. އެ ޓާމިނަލުން ހިދުމަތް ދެވޭނީ އަހަރަކު ތިން މިލިއަން މީހުންނަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތުކަމަށްވާ 25 އަހަރު ރާއްޖެއަށް އަހަރަކު އަންނާނެކަމަށް ބަލާފައި އޮތީ 3 މިލިއަން ފަތުރުވެރިންނެވެ. 

މިހާރު އަޅާ ޓާމިނަލަކީ 78،000 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. އަަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް މި ޓާމިނަލުން ހިދުމަތް ދެވޭނެއެވެ. މިއީ އިއާޓާގެ ހިދުމަތުގެ ފެންވަރުން ބަލަންޏާ "ބީ" ގްރޭޑުގެ ޓާމިނަލެކެވެ. "ސީ" ގްރޭޑަކީ ރަނގަޅު ފެންވަރުގެ ހިދުމަތް ލިބޭ ތަންތަނަށް ދޭ ދަރަޖައެވެ. "ބީ" ގްރޭޑުގެ ތަންތަނުން ދޭނީ މަތީ ފެންވަރުގެ ހިދުމަތެވެ. 

މަތީ ފެންވަރުގެ ހިދުމަތް ދޭ ރިސޯޓުތަކުން ފުރިފައި އޮތް، މުޅި ދުނިޔޭގައި އެ ހިދުމަތަށް ނަން ހިނގާ ގައުމެއްގެ މައި ވައިގެ ބަނދަރުން މަތީ ފެންވަރުގެ ހިދުމަތް ނުލިބޭ ޓާމިނަލެއް ހެދުމަށް ދިވެހި ސަރުކާރަކުން އެއްބަސްވި ސަބަބު ދެކެދެނެވޮޑިގެންވަނީ މާތް ﷲއެވެ. 

ސީ ޕްލޭން ޓާމިނަލާއި ކާގޯ ޓާމިނަލުގެ ހިޔާލެއް ނުވެސް ނެތް 

މިއަދު ވީއައިއޭއަށް އަންނަ ފަތުރުވެރިން ރިސޯޓުތަކަށް ފުރައިގެންދަނީ އެ އެއާޕޯޓުގައި ހުރި ޒަމާނީ ނުހަނު ރީތި ސީ ޕްލޭން ޓަމިނަލުންނެވެ. 35،000 އަކަމީޓަަރުގެ ބިމެއް ހިއްކުމަށްފަހު ތަރައްގީކުރި އައު ޓާމިނަލުގައި އެއްފަހަރާ 85 ސީ ޕްލޭން ޑޮކް ކުރެވެއެވެ. އެ ޓާމިނަލުގައި ވީވީއައިޕީ ފެސިލިޓީތަކާއި ލޯންޖުތަކާއި ބޯޑިން އޭރިއާއާއި އޮފީސް ހިންގާ ތަންތަން ހުރެއެވެ. އޭސީސީން 2020 ގައި ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެތަން ކުއްޔަށް ދީގެން އެމްއޭސީއެލްއަށް އަހަރަކު 55 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެއެވެ. 

ޖީއެމްއާރްއިން އެއާޕޯޓު ތަރައްގީކުރަން އެކުލަވައިލި އެއްވެސް ޕްލޭނެއްގައި މިފަދަ ޓާމިނަލެއްގެ ވާހަކަ ނެތެވެ. އެއީ އެއިރުގެ ސަރުކާރުން ހިޔާލުކޮށްފައި އޮތް ކަމެއް ނޫނެވެ. ޖީއެމްއާރްގެ ތަސައްވުރުގައި ކުރެހިފައި އޮތް ކަމެއްވެސް ނޫނެވެ. 

ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޗައިނާ ފަދަ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރެވި ރީ-އެކްސްޕޯޓަށް ރާއްޖެއަށް އޮތް ފުރުސަތުތައް އިތުރަށް ފަހިވަމުންދެއެވެ. އެކަންކަމަށް ފަހިވާނެ ގޮތަށް 12،000 ކަމަމީޓަރުގެ ބޮޑު ކާގޯ ޓާމިނަލެއް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެޅިފައި އެބަަހުއްޓެވެ. އެތަނުން ކުރީގެ ކާގޯ ޓާމިނަލުން މުދާ ޕްރޮސެސްކުރަމުން އައި މިންވަރަށްވުރެ 50 އިންސައްތަ އިތުރު އަދަދަކަށް މުދާ ޕްރޮސެސްކުރެވެއެވެ. 

ޖީއެމްއާރް އަތުގައި އެއާޕޯޓު އޮތްނަމަ އެތަނުގައި ކާގޯ ޓާމިނަލެއް ނުހުންނާނެއެވެ. ސަބަބަކީ އެ ކުންފުންޏާ ހެދި އެއްބަސްވުމުގައި ކާގޯ ޓާމިނަލެއްގެ ވާހަަކަ ނެތުމެވެ. އެ ކުންފުނިން ތައްޔާރުކޮށްފައި ހުރި އެއާޕޯޓުގެ ތަރައްގީގެ އެއްވެސް ޕްލޭނެއްގައިވެސް ކާގޯ ޓާމިނަލުގެ ނަމެއް ނެތެވެ. 

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވޭ 

ޖީއެމްއާރްއާއެކު ހެދި އެއްބަސްވުމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓުގައި ބުނެފައިވަނީ އެ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތްނުކުރާ ކަމަަށެވެ. އެގޮތުން އެއްބަސްވުން ބާތިލުކުރިއިރު މަސައްކަތް ހުރީ ތާވަލުކުރި ތާރީހުތަކަށްވުރެ 155 ދުވަސް ފަހަތުގައެވެ. 

އަދި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި އޮތީ އެއިރު ވަރަށް ނިކަމެތި ހާލަތުގައި އޮތް ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށްނުގެންދިއުމެވެ. ނަތީޖާއަކީ އެއާޕޯޓުގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމެވެ. 

މިދެންނެވުނު ހަގީގަތްތަކުގެ އަލީގައި މިއަދުގެ އެއާޕޯޓަށް ބަލައިލުމުން ފެންނަ މަންޒަރަކީ ދިވެހި އިގުތިސާދު ހަލުއި ދުވެލީގައި ފުޅާކުރަން ބޭނުންވާ ފިކުރަކާއި، އިގުތިސާދާމެދު ވަރަށް ހަނި ވިސްނުމަކުން ވިސްނާ ފިކުރެއްގެ ފަރަގެވެ. ދަރަންޏަށް ފައިސާ ނަގައިގެން އެއާޕޯޓު ތަރައްގީކުރާއިރު، އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލާއި، ވީއައިޕީ ޓާމިނަލާއި، ކާގޯ ޓާމިނަލާއި ބޮޑު ރަންވޭއާއި، ޖެޓް ފިއުލް ފާމު ގުޅި ލާމެހުމުން ފެންނަނީ އިގުތިސާދު އައު ހަރުފަތަކަށް އުފުލިގެންދާ މަންޒަރެވެ. ދުނިޔޭގެ ތަރައްގީވެފައި ހުރި ގައުމުތައް ތަރައްގީވީ ގައުމުގެ އަގުހުރި އެސެޓުތައް އަމިއްލައަށް ތަރައްގީކޮށްގެންނެވެ. ބޭރު މީހުން ބޭނުން މިންވަރަކަށް ބޭނުން ގޮތަކަށް އެ އެސެޓުތައް ބޭނުންކުރަން ދޫކޮށްލައިގެންނޫނެވެ. 

ކިޔުންތެރިންގެ ހިޔާލު