ENGLISH
11 ސެޕްޓެމްބަރު 2025
ޤައުމީ އެއްބައިވަންތަކަމަށް ރައީސް ކޮށްޓެވި މަގުން ދެން ތިއްބެވި ލީޑަރުންނަށް ހިންގެވޭނެބާ؟
17 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރެވި ރައްޔިތުންގެ ވޯޓުން ވެރިކަމުގެ ބާރު އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވާން ފެށިފަހުން ސިޔާސީ ވާދަވެރިކަން އޮންނަނީ ގައުމީ އެއްބައިވަންތަކަމަށްވުރެ އިސްކުރެވިފަައެވެ. ގައުމީ މުނާސަބަަތުތަކުގައިވެސް ޕާޓީއާއި ސިޔާސީ ފިކުރު އިސްކުރެވުމުގެ ސަބަބުން ގައުމީ އެއްބައިވަންތަަކަން އެ މުނާސަބަތުތަކުންވެސް ނުފެނެއެވެ.
މިދެންނެވި ހަގީގަތް ބަދަލުކުރެއްވުމުގެ ސިޔާސީ އަޒުމު ނުވަތަ ޕޮލިޓިކަލް ވިލް ދައްކުވައިދެއްވި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ގައުމަށް ކޮށްދެއްވި ހިދުމަތް ގަބޫލުކުރައްވައި، އެ ބޭފުޅުން ކުރެއްވި މަސައްކަތެއްނަމަ އެ މަސައްކަތެއްގެ ކްރެޑިޓު އެ ބޭފުޅުންނަށް ދެއްވާނެކަން ބަސްފުޅާއި އަމަލުފުޅުން ދައްކުވައިދެއްވަނީ ރައީސެވެ. ގައުމީ ބޮޑެތި ކަންކަން ފާހަގަކުރާއިރު ގައުމުގެ ކުރީގެ ލީޑަރުން ބައިވެރިކުރެއްވުމުގެ މިސާލު ދައްކުވައިދެއްވަނީ ރައީސް ޑރ.މުޢިއްޒެވެ.
ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅުނު ފަހުން އަދި އޭގެ ކުރިންވެސް ރާއްޖެއިން ފެނިފައި އޮތް ސިޔާސީ ހަގީގަތަކީ ކޮންމެ ވެރިކަމެއްގައިވެސް އޭގެ ކުރީ ސަރުކާރުތަކާއި ވެރިން ގައުމަށް ކުރެއްވި ހިދުމަތަަށް ފަސްއެޅުމެވެ. އެ ބޭފުޅުން އެކަހެރިކޮށް ސިޔާސީ ގޮތުން އެ ބޭފުޅުންނާ ދިމާކޮށްލައިގެން އަނިޔާވެރިވުމެވެ.
މިސާލުތަކަަށް ބަލަނީނަމަ ރާއްޖޭގެ މިނިވަންކަމުގެ ބާނީ އަދި ޒަމާނީ ދިވެހި ދައުލަތުގެ ބިންގާ އަޅުއްވައި، މިއަދު އަޅުގަނޑުމެން މިދެކޭ ދިވެހި އިގުތިސާދުގެ އަސާސްތައް ބިނާކުރެއްވި ކުރީގެ ރައީސް ސުއްމުވުލް އަމީރު އިބްރާހީމް ނާސިރާމެދު ކަންކަން ހިނގި ގޮތް ބައްލަވާށެވެ. ރިޔާސީ ދެ ދައުރަށްފަހު ވެރިކަން ދޫކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަަތުމުން ބަޣާވާތުގެ ތުހުމަތު އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވީއެވެ. ހުތުރުހައި ވަނަންތައް ހަރުކޮށް، ބޭއަދަބީހައި ބަސްތަކެއް އަމުނައިގެން ލަވަ ހައްދުވައި، އާޑަފުރައްސާރައާއި މަލާމާތުގެ އަމާޒުފަތްގަނޑަކަށް އެ މޫރިތި ޝަަހުސު ހަދައި، ޖީލެއްގެ ކުރިމަތީގައި އެމަނިކުފާނުގެ ގަދަރާއި އިއްޒަތް ވެއްޔާ މޮޑެލީއެވެ.
ގިނަ ކެނޑިޑޭޓުން ވާދަކުރެއްވި ފުރަތަމަ އިންތިހާބުގައި ދިގު ތިރީސް އަހަރު، ގިނަގުނަ ހިދުމަތްތަކެއް ދައުލަތަށް ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، އަދި އޭގެ ކުރިންވެސް އެމަނިކުފާނަށްވެސް ވަނަމަކުން މުހާތަބުކުރަން ފަށައިފިއެވެ. ވައްކަމާއި ހިޔާނާތުގެ ތުހުމަތު އެމަނިކުފާނުގެ އިސްތަަށިފުޅުގައި އެޅުވިއެވެ. އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވި ކާމިޔާބުގައި ހިތްތިރިކުރުމުގެ ފަލްސަފާއަކީ ހަމައެކަނި ވިދާޅުވާ ބަސްފުޅެއްކަން ދައްކުވައިދެއްވީ ރައީސް މަައުމޫން ތަހުގީގީ އިދާރާތަކަށް ހާޒިރުކުރައްވައި ތަހުގީގުތައް ހިންގެވުމާއެކު، ސަަޕޯޓަރުންނާއި ޕާޓީގެ ވެރިން މެދުވެރިކޮށް ރައީސް މައުމޫނުގެ ޝަަހުސު ކަތިލެއްވުމަށް ހިންގެވި ނޭނގާނީ އަމަލުތަކުންނެވެ.
ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމާއެކު ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރެވި، ޓެރަރިޒަމުގެ ދައުވާ އުފުލި ޖަލަށް ލެވުނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީނަށް ކުރިމަތިލައްވަންޖެހިވަޑައިގަތީ ހަމަ އެ ދަތުރުފުޅެވެ. މުޅި ދައުރު ހޭދަކުރައްވަންޖެހިވަޑައިގަތީ ޖަލުގައެވެ.
މި ވިހަ ވަށްބުރު ނިމުމަކަށް ގެންނެވީ ރައީސް ޑރ.މުޢިއްޒެވެ. ކުރީގެ ވެރިން ޖަލަަށް ނުލައްވައެވެ. ތަހުގީގުތަކަށް ކަމުގައި ވިދާޅުވެ އިދާރާތަކަށް ދަންމަވައި ނުހައްދަވައެވެ. އެ ބޭފުޅުން ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރައްވައި އެކަންކަން ފާހަގަކުރައްވައެވެ.
މިދެންނެވި ހުރިހާ ދައުރެއްގައިވެސް މިނިވަންދުވަހާއި ގައުމީ ދުވަހާއި އެނޫންވެސް މުހިއްމު ގައުމީ މުނާސަބަތުތައް ފާހަގަކުރެއެވެ. އިދިކޮޅުގައި ތިއްބަވާ ލީޑަރުން އެއިން މުނާސަބަތެއް އިހުތިފާލުކުރުމުގައި ބައިވެރިނުކުރައްވައެވެ. މުހިއްމު ބޮޑެތި މަޝްރޫއުތައް ނިމި ހުޅުވިގެންދިޔަ ތަންވެސް ރައްޔިތުންނަށް ފެނުނެވެ. އެއިން ކަމެއް ފެށުނު ތަނެއްގައި އަދި ނިމިގެން ބޭއްވި ހަފުލާއެއްގައިވެސް ކުރީގެ ވެރިޔަކު އަދި އަމުދުން އިދިކޮޅު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ބައިވެރިނުކުރައްވައެވެ.
މި މަހު އަޅުގަނޑުމެން ގައުމުގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ އިހުތިފާލުކުރާއިރު ހާލަތު ބަދަލުވެއްޖެއެވެ. ބަދަލުވީއެއް ނޫނެވެ. ލީޑަރަކު ހާލަތު ބަދަލުކުރެއްވީއެވެ. މިފަހަރު މި މުނާސަބާ އިހުތިފާލުކުރާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނަށް ދެއްވާނެއެވެ. އެއީ ގައުމީ އެއްބައިވަންތަކަމަށްޓަަކައި ރައީސް ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެކެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަައު ފަސިންޖާ ޓާމިނަލް ނިމި ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނަށް ދެއްވަަން އެމަަނިކުފާނު އޮތީ ނިންމަވާފައެވެ. މިއީ ގައުމުގެ އިގުތިސާދީ ދުވެލި ހަލުއިކުރާ ބޮޑު މަޝްރޫއެއް އިފުތިތާހުކުރުމުގައި އެކި ޕާޓީތަކުގެ އިސްލީޑަރުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަަ ފަހަރަށްވުން އެކަށީގެންވެއެވެ.
ރައީސްގެ މި ނިންމެވުމަކީ ގައުމީ އެއްބައިވަންތަކަން އިއާދަކުރެއްވުމަށް ނިންމެވި ނިންމެވުމެކެވެ. ސިޔާސީ ގޮތުން ދެބަސްވުން އޮތަސް، ގައުމީ ކަންކަމުގައި އެކީ ތިބެވިދާނެކަން، ތިބެންވާނެކަން ދައްކުވައިދެއްވން އެޅުއްވި ފިޔަވަަޅެކެވެ. އެމަނިކުފާނު ސިޔާސީ ލީޑަރުންނަށް ދިއްކޮށްލެއްވީ އިހުތިރާމުގެ އަތްޕުޅެވެ. ރައްޔިތުންގެ މެދުގައި މިއޮތް ބައިބައިވުން އެއްފަރާތްކޮށް ގައުމީ ސަފު ބަދަހިކުރަން ލީޑަރުންނަށް އެމަނިކުފާނު އެ ދެއްވަނީ ރަނުގެ ފުރުސަތެކެވެ. ސުވާލަކީ އެ އަތްޕުޅުގައި ހިއްޕަވަައި، މި ފުރުސަތުގެ ބޭނުންކުރައްވާނީ ކޮން ލީޑަރުންނެއްތޯއެވެ؟ ޒާތީ ހަސަދައާއި ރުޅިވެރިކަން އިސްކުރައްވައި ގައުމީ އެއްބައިވަންތަކަން އިއާދަކުރުމަށް ހުރަހަކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅުންނެއްތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު އިސާހިތަކު ލިބިދާނެއެވެ.