ENGLISH
17 ޖުލައި 2025
އާ ޓާމިނަލްގެ ކްރެޑިޓް ހޯދަން އުޅެން ހަދައިގެން ގޮވީ އަތަށް، ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަ
16 ޖުލައި 2025
|
ވީއައިއޭގެ އާ ޓާމިނަލް -
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ. ދިވެހީންގެ މިނިވަން ކަަމަށް 60 އަހަރު ފުރޭ ތާރީޚީ އަދި އުފާވެރި މުނާސަބަތާއި ގުޅުވާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އާ ޓާމިނަލާ އެކު ދިވެހި އިޤްތިސާދަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ އެވެ. ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ބޮޑު ފުރުސަތަކަށް ވާނެ އެވެ.
އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވެވީ ވީއައިއޭ އާ ޓާމިނަލްގެ މަސައްކަތް އަވަަހަށް ނިންމެވުމަށެވެ. އާ ޓާމިނަލް ހުޅުވާ ޚިދުމަތް ފެށުމަށެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ވަނީ އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތްޕުޅު ފައްޓަވާފަ އެވެ. އިންތިޤާލީ މަރުޙަލާ ގައި ވެސް ފުރަތަމަ ވަޑައިގެންނެވީ އެއާޕޯޓް މަޝްރޫޢު ބެއްލެވުމަށެވެ. ބޭރަށް ވަޑައިގެން ފަންޑާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވި އެވެ.
ކޮންޓްރެކްޓަރާ ވަކީން ބައްދަލު ކުރައްވާ މަސައްކަތް ހަލުވި ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ. އެކަމަށް ހުރި ހުރަސްތަކަށް ހައްލު ހޯއްދަވައި ދެއްވި އެވެ. ނަތީޖާއެއްގެ ގޮތުން އާ ޓާމިނަލްގެ މަސައްކަތް ހަލުވި ވެ މިނިވަން ދުވަހަށް ހުޅުވަން ވަނީ ތައްޔާރުވެފަ އެވެ.
މި ހަފްތާގައި އޮތް ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އާ ޓާމިނަލް އޮތް ހާލަތު ވިދާޅުވެ ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޖިނިއަރެއްގެ ހައިސިއްޔަތުން އެތަނަށް ވަޑައިގެން ބެއްލެވިއިރު ސްޓްރަކްޗާ ނިންމައި ބޭރުގައި ފަސާޑު ހަރުކޮށްފައި ހުރި ނަމަވެސް އެތެރޭގެ ގިނަ މަސައްކަތްތައް ހުރީ ކުރަންޖެހިފައި އެވެ.. އިމާރާތާ ގުޅުންހުރި ސްކޯޕުގެ ތެރެއިން ހަވާލުކޮށްފައި ނެތް އެތައް ކަމެއް ހުއްޓެވެ.
ޓާމިނަލު ކައިރީގައި އޮންނަ މައި މަގު ނުވަތަ ހެޑް އޮފް ސްޓޭންޑު ގެ މަސައްކަތް ހަވާލުކޮށްފައި ނެތެވެ. އެ މަގުގެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނެތީސް އެ މަސައްކަތް ބަޔަކާ ހަވާލުކޮށް މަގު ހެދުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ހަމައިގަ އެވެ.
އޭރު ނިމިފައި އޮތީ ޓާމިނަލުގެ އިމާރާތުގެ 57 އިންސައްތަ މަަސައްކަތެވެ. އެއީ ހަތް އަހަރުންނެވެ. ޑިއުޓީ ފްރީ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައެއް ނެތެވެ. މިހެން ގޮސް ކިތަންމެ ކަމެވެ. ޙަޤީޤަތަކީ އެއާޕޯޓްގެ ނުނިމި އޮތް 43 އިންސައްތަ މަަސައްކަތް ނިމެމުން އެ ދަނީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ކަމެވެ.
ވީއައިއޭ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ ޤައުމީ ބޮޑު ރަސްމިއްޔާތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެ އެވެ. އެމަނިކުފާނުގެ ނަަޒަރުގައި އެއާޕޯޓް މަޝްރޫޢު އަކީ ޤައުމީ މަޝްރޫޢު އެކެވެ. އެއީ ހުރިހާ ދިވެހީންގެ ޒަމާންވީ އުންމީދެއް ހަޤީޤަތަކަށް ވުމެވެ. އެއީ ދިވެހިރާއްޖެއާ ދިވެހީން, ތަަރައްޤީގެ މަގުގައި އަޅާ ބޮޑު އެހާމެ ތާރީޚީ ފިޔަވަޅެކެވެ.
އެހެން ކަމުން އެ ތާރީޚީ ރަސްމިއްޔާތު ހުރިހާ ގޮތަކުން ޚާއްސަ ރަސްމިއްޔާތަކަށް ހެއްދެވުމަށް ބޭނުންފުޅުވެވަޑައިގެންނެވި އެވެ. ވީއައިއޭ އާ ޓާމިނަލްގެ ވާހަކައިގެ އަޑު ގަދަވެ ރައްޔިތުން އެކަމުގެ އުފާ ފާޅުކުރަން ފެށުމުން އެމްޑީޕީގެ ވެރީން ނިކުމެ މަސައްކަތް ފެށީ އެ މަސައްކަތުގެ ކްރެޑިޓް ހޯދާށެވެ.
އާ ޓާމިނަލްގެ މަަސައްކަތުގެ ބޮޑު ބައެއް ނިންމީ ތިމަަންނާމެން ކަމަށް ދަޢުވާ ކުރަން ފެށި އެވެ. އާ ޓާމިނަލަށް ގިނަ ފައިސާ ހޯދީ ތިމަންނާމެނޭ ބުނަން ފެށި އެވެ. އެތަން މިހާރު އޮތްގޮތަށް ފެންނަން އެ އޮތީ ތިމަންނާމެން ގެނައި ބަދަލުން ކަަމަށް ވެސް ބުންޏެވެ.
ކްރެޑިޓް ހޯދަން ވެގެން އެބަޔަކަށް ދެއްކުނު ވާހަކަ އެއް ދައްކަނީ އެވެ. އެހެން ދަމުން ގޮސް މިބައި މީހުންގެ ހަޤީޤީ މަޤްސަދު ބޭޒާރުވެ އެންމެ ފަހުން މިވަނީ އަތަށް ގޮވާފަ އެވެ.
އެއް ބޭފުޅަކު ވިދާޅުވަނީ ޓާމިނަލް ނިންމީ ތިމަންނާމެންގެ ވެރިކަމުގައި ކަމަށެވެ. ނުހުޅުވި އުޅެނިކޮށް ވެރިކަން ބަދަލުވީ ޔޯލަ އެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ކުރާން ހުންނާނީ ވަރަށް މަދު ކަމެއް ކަމުގައި ވިދާޅުވެ އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލިސްޓެއް ވެސް ވިދާޅުވި އެވެ. ކޮންކްރީޓްގެ 100 ޕަސެންޓް ނިމިފައިވާ ކަމަށާ ސްޓީލް ސްޓްރަކްޗަރގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުން ކޮންމެ ކަމަަކުން ނުނިމި ވަނީ ދެތީން ޕަސެންޓެވެ.
އަމީރު މި މޭރުމުން ވާހަކަ ދައްކަވަނިކޮށް އޭރުގެ އިނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ނިކުންނަވާ ދެއްކެވީ މުޅިން އެހެން ވާހަކަ އެކެވެ. ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ. މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއަރޕޯޓުގެ ނަމުގައި ނެގި ދަރަނިން ކަމަށެވެ. އަދި މިއީ މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން ކަމަށްވެސް ވިދާޅުވި އެވެ.
އިގްތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރަންވީތޯވެސް ސުވާލު ކުރެއްވި އެވެ.
ބަޔަކު އަޖައިބުވެ އަންތަރީސް ވެދާނެ ނޫން ހެއްޔެވެ. ފުރަތަަމަ ދެއްްކީ އެއާޕޯޓް ހެދީ ތިމަންނާ މެން ކަމަށެވެ. އެއާޕޯޓަށް ގިނަ ފައިސާ ހޯދާ ގިނަ މަސައްކަތް ކުރީ ތިމަންނާމެން ކަމުގަ އެވެ. އެކަމަކު އަނެއް ވަޒީރަކު މި ވިދާޅުވަނީ އެކަން ކުރީ އެމްޑީޕީން ނޫން ކަމަށެވެ. އެއީ ސިޔާސީ ބޭނުމުގައި އޭގެ ކުރީ ސަރުކާރުން ކުރި ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. އާ ޓާމިނަލް ހުޅުވާއިރު ޤައުމު ދަރާފައިވާ ކަމަށް ވިދާޅުވެ އެއީ ކާމިޔާބެއް ނޫން ކަމަށެވެ.
މިވަރުގެ ބަޔަކަށް އެއާޕޯޓްގެ އާ ޓާމިނަލްގެ ކްރެޑިޓް ޙައްޤުވާނީ ކިހިނަކުން ހެއްޔެވެ. ފުރަތަމަ ދެއްކޭ ނުދެއްކޭ ވާހަކަ އެނގެން ޖެހެ އެވެ. ތިމާމެނަށް މި ދެއްކެނީ ދެކޮޅު ނުޖެހޭ ވާހަކަ ކަން އެނގެން ޖެހެ އެވެ. ތިމާމެން ހީކުރާހާ ރައްޔިތުން ގަމާާރު ނުވާ ކަން ދަންނަން ޖެހެ އެވެ.
ހަޤީޤަތަކީ ކޮބާ ހެއްޔެވެ. އާ ޓާމިނަލްގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުގައި ފިނިހަކަ ދުވެލީގައި އޮތީ އެކަން ކުރަން އޭރުގެ ވެރީންނަށް ނޭންގުނީމަ އެވެ. ޤައުމަށް ކުރިއެރުމެއް ހޯދައި ދިނުމުގެ ތަސައްވުރެއް ނެތީމަ އެވެ. އަމުދުން އިޚްލާސްތެރިކަމެއް ވެސް ނެތީތީ އެވެ.
އެއާޕޯޓް އާ ޓާމިނަލް އަވަހަށް ނިންމާ ޤައުމާއި ރައްޔިތުންނަށް ކުރިއެރުމެއް ހޯދައި ދިނުމުގެ އިންޓްރެސްޓެއް އެމްޑީޕީގެ ނެތެވެ. އެ ޕާޓީގެ ވެރީންގެ ނެތެވެ. އެމްޑީޕީއަށް ވެރިކަން ލިބުމުން 78 މިލިއަން ޑޮލަރު ހޯދަން ފުރަތަމަ ވެސް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ އެވެ. ދިވެހީންގެ އެންމެ އަގުބޮޑު ވަސީލަތް ދޫކޮށްލީ އެވެ. އާމްދަނީ ލިބޭ އެންމެ ބޮޑު ފުރުސަތު ބަންދުކޮށްލީ އެވެ.
އެ ވެރީންގެ ވިސްނުން ބަދަލެއް ނުވެ އެވެ. މިއަދު ދައްކާ ވާހަކައިން ވެސް އެކަން ޔަޤީން ކުރެވެ އެވެ. އެއާޕޯޓް ކްރެޑިޓް ނުލިބޭނެ ކަން ޔަޤީން ވުމުން ކުރީން ހެދި ބޮޑު ގޯސްގެ ކަންކަން އޮޅުވާލާ ރައްޔިތުންނަށް ހަޤީޤަތް ފޮރުވޭތޯ އެ އުޅެނީ އެހެން ވެގެންނެވެ. އެއާޕޯޓް ހިންގަން އޭރު ދިން ގޮތަށް ބޭރު ބަޔަކަށް ދިންނަމަ އެއްވެސް ދަރަންޏެއް ނެތި އާ ޓާމިނަލް އޮންނާނީ އެޅިފައި ކަމަށް ބުނަނީ ރައްޔިތުންނަށް އޮޅުވާލާށެވެ. އެބަޔަކު އަމިއްލަ ޤައުމުގައި ނުކުރި އިންވެސްޓެއް މިތަނުގައި ކޮށް މިހާރު އޮތް ފެންވަރުގެ ޓާމިނަލަކާއި އިތުރު ރަންވޭ އަކާއި ހަދައިދޭނެ ހެއްޔެވެ. ނޫނެކެވެ. ދިވެހި ރައްޔިތުންނަކީ މޮޔައިންނެއް ނޫނެވެ. އެ ރައްޔިތުން ކައިރީ ތިޔަ ދޮގުތަކެއް ދެން ނުހިނގާނެ އެވެ.
އެއާޕޯޓްގެ މަސައްކަތުގައި ކްރެޑިޓް ޙައްޤު ކޮންމެ ވެރިއަކަށް, ކޮންމެ ސަރުކާރަކަށް އެ ޙައްޤު ދެއްވަން ރައީސް މުޢިއްޒު ހުންނެވީ ތައްޔާރަށެވެ. އެމަނިކުފާނު ވަނީ އެ ވާހަކަ ސާފު ބަހުން ވިދާޅުވެފަ އެވެ. ޙަޤީޤަތް އޮޅުވާލާ ނުކުރައްވާ ކަމެއްގެ ކްރެޑިޓް ހޯއްދެވުމަކަށް އެމަނިކުފާނު ނޫޅުއްވަ އެވެ. އެކަން ރައްޔިތުންނަށް ވެސް ސާފެވެ.