ENGLISH

17 ޖުލައި 2025

Advertisement

އެމްޑީޕީގެ ވިސްނުމަކީ އެއާޕޯޓް އަޅާ ހިންގޭނީ ވެސް ބޭރު މީހުން ކަމަށް: މަތީން

16 ޖުލައި 2025

|

އަޙުމަދު ޙަމީދު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު -- ފޮޓޯ: ވޮއިސް

އިދިކޮޅު އެމްޑީޕީގެ ވިސްނުމަކީ ރާއްޖޭގައި އެއާޕޯޓް އަޅާ ހިންގޭނީ ވެސް ބޭރު މީހުންނަށް ކަމަށާ ދިވެހީންނަށް އެފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ޕާޓީގެ ވިސްނުމުގައިވެސް ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މަތީން މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަތީން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ޢަމަލު ކުރީ ދިވެހީންނަށް ނިކަމެތި ވާނެ ގޮތަށް ކަމަށެވެ. އެމްޑީޕީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލި ކަމަށާ އަދި އެއާޕޯޓް ތަރައްޤީ ކުރުމަށް ހަޤީޤީ މާނާގައި އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

އެވަރުގެ ބަޔަކު މިއަދު ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދަޢުވާ ކުރާތީ ހައިރާންވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދަޢުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަށް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގެ ދެވަނަ ދަައުރުގައި ވެސް އެއާޕޯޓްގެ ތަރައްޤީއަށް ހަޤީޤީ އެއްވެސް މަސައްކަތެއް ކުރެެވިފައި ނެތް ކަމަށާ އޭގެ ކުރީން އޮތް ވެރިކަމުގައި ފެށި އެއާޕޯޓް ތަރައްޤީގެ މަޝްރޫއު ނިންމައިވެސް ނުލެވުނު ކަމަށެވެ. އެއާޕޯޓްގެ ތަރައްޤީގެ މަސައްކަތް ފެށީވެސް އަދި މިއަދު ނިންމާލާ ހުޅުވަނީވެސް ތަރައްޤީގެ ފިކުރުގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

"އެެހެންވީމަ އެ ބޭފުޅުން މެމޮރީ ރިފްރެސް ކޮށްލަން ޖެހޭ. ކުރަން ވަން އުޅުނު ކަމަކާ މިހާރު އެތަނުގައި އަށް ވެފައި އޮތް ގޮތަކާ," މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ރާއްޖޭގައި އެއާޕޯޓް އަޅާ ހިންގޭނީ ވެސް ބޭރު މީހުންނަށް ކަމަށާ ދިވެހީންނަށް އެފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ޕާޓީގެ ވިސްނުމުގައިވެސް ނެތް ކަމަށެވެ. ނަމަވެސް ތަރައްޤީގެ ފިކުރުން އައިސް މިއަދު ކުރި މަސައްކަތުން ދިވެހީން ތަރައްޤީ ކޮށްފައިވާ ދިވެހީންގެ އެއާޕޯޓެއްގެ އާ ޓާމިނަލް ހުޅުވި ޚިދުމަތަށް ތައްޔާރުވެފައިވާ ކަމަށެވެ.

އަދި އެއާޕޯޓް ހިންގާ ދެން ވެސް ތަރައްޤީ ކުރާނީ އެމްޑީޕީން ކަމަށް ވިދާޅުވި އެވެ.




ކިޔުންތެރިންގެ ހިޔާލު