ENGLISH
17 ޖުލައި 2025
ތަފާތަކީ މިއީ؛ މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ރައީސުންނާއި ނާއިބުނަށް ދަޢުވަތު
16 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --
މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސުންނާއި ނައިބު ރައީސަށް ދަޢުވަތު އަރުވަން ހަމަޖެހިފައިވާ ކަމަށް ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މި އަހަރު މިއީ ދިވެހީންގެ މިނިވަން ކަމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތެވެ.
އެމްއެމްޓީވީއާ މިރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު ވިދާޅުވީ މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސުންނާއި ނައިބު ރައީސަށް ދަޢުވަތު އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.
މިނިވަން ދުވަހަކީ މުޅި ދިވެހި ޤައުމުގެ ދުވަހެއް ކަމަށާ މި ސަރުކާރުގެ ސިޔާސަތަކީ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
"..ޤައުމުގެ ޚިދުމަތްތެރީންގެ އަގުވަޒަން ކުރުން. ވީމާ މި ޤައުމަށް ޚިދުމަތްކުރައްވާފައިވާ ކުރީގެ ރައީސުންނާއި، ކުރީގެ ނައިބު ރައީސުންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމަށް ގެންނަވަން ބޭނުންފުޅުވާ އަޚްލާޤީ ބަދަލުގެ އެއް ނަމޫނާ," ވަޒީރު ވިދާޅުވި އެވެ.
މިނިވަން ކަމަށް ފަސްދޮޅު އަހަރު ފުރުން ކުލަގަދަ ކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ.