ENGLISH
17 ޖުލައި 2025
ޗާގޯސް ހޯދަން ރާއްޖެއިން ނޫޅޭ ކަމަށް ސަފީރު ވިދާޅެއް ނުވޭ، ފަތުރަނީ ދޮގެއް: ޚާރިޖީ ވަޒީރު
16 ޖުލައި 2025
|
ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް.
ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެތަން ހޯދަން ރާއްޖެ އިން ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައި ނުވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ ސަފީރު ދެއްކެވި ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.
"ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށާއި މި ސުވާލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވި އެވެ.
ޗާގޯސް މައްސަލައިގެ ޙަޤީގަތް ސާފުކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއް ނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަމަށެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ވެސް މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.