ENGLISH
17 ޖުލައި 2025
ބ. އަތޮޅުގައި މި މަހު އާރުޓީއެލް ޚިދުމަތް ފަށާނެ، މަޝްވަރާތައް ކުރިއަށް
16 ޖުލައި 2025
|
އާރުޓީއެލްގެ ޚިދުމަތް ފެށުމުގެ މަޝްވަރާތައް ބ. އަތޮޅުގައި ކުރިއަށްގެންދަނީ. ފޮޓޯ: ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
ބ. އަތޮޅުގައި މި ޖުލައި މަހު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެ، މަޝްވަރާތައް ފަށައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، އެ ޚިދުމަތް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން ބ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ބައްދަލުވުންތައް ކުރިއަަށް ގެންދިއުމަށް އެމްޓީސީސީގެ ފަރާތުން މިހާރު ދަތުރުތައް ފަށާފައިވާކަމަށެވެ.
ބައްދަލުވުންތަކުގައި މައުލޫމާތުދިނުމަށް އެމްޓީސީސީގެ މުވައްޒަފުން ބ. އަތޮޅުގައި ހަރަކާތްތެރިވާއިރު، ބައެއް ކައުންސިލްތަކާއެކު މިހާރު ވަނީ މަޝްވަރާތައް ފަށައިފައެވެ. އެގޮތުން އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ މަޝްވަރާތައް ވަކިވަކި ރަށްތަކުގައި އެމްޓީސީސީގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށުމެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ރ. އަތޮޅުގައި ސަރުކާރުން އެ ޚިދުމަތް ފެށުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި، ޖުލައި މަހު ބ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފައްޓަވާނެކަމަށް ވިދާޅުވެ، އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާކަމަށް ރައީސް އެދުވަހު ވިދާޅުވިއެވެ.
އާރުޓީއެލްގެ ޚިދުމަތް މިހާރު 10 އަތޮޅަކަށް އަންނަނީ ދެމުންނެވެ. އެ ޚިދުމަތް މިހާރު ދެމުންއަންނަނީ ހއ، ހދ، ށ، ނ، ރ، ޅ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.