ENGLISH
17 ޖުލައި 2025
ވިޒިޓް މޯލްޑިވްސްއަށް ކްރިއޭޓިވް ކޮންޓެންޓް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
16 ޖުލައި 2025
|
މިއަހަރުގެ ފެބްރުވަރީ މަހު ރަޝިއާގައި ކުރިއަށްގެންދިޔަ ވިޒިޓް މޯލްޑިވްސް ވީކް އިވެންޓުގެ ތެރެއިން. ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި، މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ނަން ބަދަލުކޮށްފައިވާ އިދާރާއިން، ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންގެންދާ މަސައްކަތް ފުޅާކުރުމުގެ ގޮތުން، ކްރިއޭޓިވް ކޮންޓެންޓާއި ވީޑިއޯ ތައްޔާރުކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްއިން އާއްމުކުރި އިއުލާނުގައި ބުނީ، ކްރިއޭޓިވް ކޮންޓެންޓާއި ވީޑިއޯ ތައްޔާރުކުރަން ބޭނުންވަނީ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ބާއްވާ މައުލޫމާތު ސާފުކުރުން އޮންނާނީ ޖުލައި 22 ވަނަ ދުވަހެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ ކޮންޓެންޓާއި ވީޑިއޯ ތައްޔާރުކުރަން ޖެހޭނީ އެ އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ.
ވިޒިޓް މޯލްޑިވްސް އިން އަންނަނީ މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ކެމްޕޭންތަކެއް ހިންގަމުންނެވެ. ޚާއްޞަކޮށް ބައިނަލްއަގްވާމީ މާކެޓުގައި ރާއްޖެއަށް އެންމެ މުހިއްމު ސަރަޙައްދުތަކުގައި އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް މިއަހަރު ވެސް ވިޒިޓް މޯލްޑިވްސް އިން ވަނީ ކުރިއަށްގެންގޮސްފައެވެ.
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ބަދަލުކުރެއްވީ 2025 ޖުލައި 13 ވަނަ ދުވަހެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
އެކުންފުންޏަކީ، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.