ENGLISH

17 ޖުލައި 2025

Advertisement

އިސްލާމިކް ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިސްލާމިކް މިނިސްޓްރީން އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ލައިބްރަރީތަކުގެ ތެރޭގައި ރ. އުނގޫފާރު އިސްލާމިކް ސެންޓަރު، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރު، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކު ސިޓީ ޤުރްއާން ސެންޓަރު ހިމެނެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ލައިބްރަރީތަކަށް ބޭނުންވަނީ ދިވެހި އަދި އިނގިރޭސި ބަހުން ހުރި އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ފޮތްތަކެވެ.

ފޮތް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

ފޮތް ހަދިޔާކުރުމަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހުގެ 14:00 ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ރަޖިސްޓްރީވުމަށް [email protected] އަށް މެއިލްކުރުމަށް އެދިފައިވާއިރު، ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 11:00 ގައި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިސްލާމިކް ލައިބްރަރީތައް މުއްސަނދިވެ، ޢާންމުންނަށް ފަސޭހައިން މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު