ENGLISH

17 ޖުލައި 2025

Advertisement

ޚަރަދު 19.5 އިންސައްތަ ދަށްކޮށް، ބަޖެޓްގެ ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް

16 ޖުލައި 2025

|

ޢަލީ ޝަހީމް

ފިނޭންސް މިނިސްޓަރު ޒަމީރު އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގައި ވާހަކަދައްކަވަނީ. މިއަހަރުގެ ޚަރަދުތައް ވަނީ 19.5 އިންސައްތަ ކުޑަކޮށްފަ. ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ބަޖެޓުން 10 ޖުލައި 2025 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 19.5 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 1.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރައިފިއެވެ. 

މާލީ ވުޒާރާއިން އާންމުކޮށްފައިވާ 10 ޖުލައި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 18.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 19.5 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 4.9 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުވަނީ 63.3 އިންސައްތައިން ދަށްވެފައެވެ.

ރިކަރަންޓް ޚަރަދުގެ 56.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 11.3 އިންސައްތަ ދަށް ޢަދަދެއްކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ޚަރަދުތައް ކުޑަކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 67.3 އިންސައްތައިން ވަނީ ދަށްވެފައެވެ. އަދި، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 9.6 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.6 އިންސައްތައިން ދަށްވެފައެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިން ދަށްވެފައިވާކަން ހިސާބުތަކުން ފާހަގަވެއެވެ. 

ކެޕިޓަލް ޚަރަދުގެ ގޮތުގައި ނިމިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 17.1 އިންސައްތައެވެ.

ދެހާސް ފަންސަވީސް ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިންގާފައިވާ ޕީއެސްއައިޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ.

އެ މަޝްރޫޢުތަކަށް ޖުމުލަ 1.1 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ޚަރަދެވެ. 

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 23.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 8.6 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 4.9 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 63.3 އިންސައްތައިން ދަށްވެފައެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު