ENGLISH
17 ޖުލައި 2025
ސަރުކާރު ސްކޫލްތަކުގެ ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
16 ޖުލައި 2025
|
އަންނަ އަހަރު ފަށާ ދިރާސީ އައު އަހަރު، ސަރުކާރު ސްކޫލްތަކުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ވަންނަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޖާގައަށް ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން އިއްޔެ އާއްމުކުރި ސަރކިއުލަރގައި ބުނީ، 2026 ވަނަ އަހަރުގެ ދިރާސީ އަހަރު، ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމު ފުރައިގެން މިހާރު ހުށަހެޅޭނެ ކަމަށެވެ.
ސަރުކާރު ސްކޫލްތަކުގެ ޖާގަތަކަށް އިއްޔެ ހުޅުވާލިއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އޮގަސްޓް 31 ވަނަ ދުވަހެވެ.
ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައި ވާގޮތުން މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓަރ ނިމޭނީ ޖުލައި 24 ވަނަ ދުވަހެވެ. އޭގެފަހުން ދެ ހަފްތާގެ ޗުއްޓީއަކަށް ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިމި ޗުއްޓީ ވާނީ ޑިސެމްބަރު 25 ވަނަ ދުވަހެވެ. ދެހާސް ސައްބީސް ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އަހަރުގެ ޖަނަވަރީ 27 ވަނަ ދުވަހެވެ.
ޖަނަވަރީ މަހު ފަށާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ 217 ސްކޫލެއްގައި 3،604 ކްލާސްރޫމް ހުރިއިރު، އޭގެތެރެއިން ބައެއް ސްކޫލުތަކުގައި މިހާރު ވަނީ އޭސީ ހަރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި މިދިޔަ އޭޕްރީލް މަހު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ކްލާރޫމެއް އޭސީކޮށް ނިންމުން ކަމަށެވެ.