ENGLISH

18 އޭޕްރީލު 2025

Advertisement

މިއީ މެންބަރުންގެ ނަޒާހަތްތެރިކަމާއި އިއްޒަތާއި ގަދަރު އުފުލޭނެ އިސްލާހެއް: އަބްދުއްރަހީމް

20 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. --ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިއަދު ފާސްކުރި އިޞްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ މަންދޫބުންގެ އިއްޒަތާއި ގަދަރު އުފުލޭނެ މަގެއް ފަހިވީ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ. 

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތައް މަޖިލީހުން ފާސްކުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުޞަތު ދެން ނުލިބޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ މެންބަރުންގެ 99 ޕަސެންޓަކީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވައި ރައްޔިތުން އިންތިޚާބުކުރާ ބައެއް. ވުމާއެކު ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ ހައްގުތަކެއް ގެއްލޭނެތީ އެކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދިނީމި،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ނިމިދިޔަ 18 ވަނަ އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ޕާޓީ ބަދަލު ނުކުރެވޭގޮތަށް އެންޓި-ޑިފެކްޝަން ޤާނޫނު އެކުލަވާލި ކަމަށާއި ނަމަވެސް އެއްވެސް ބަޔަކަށް ޤާނޫނު އަސާސީން އެ ޤާނޫނަށް ބާރުދޭން ނުކެރުނު ކަމަށެވެ. ނަމަވެސް މި މަޖިލީހުން އެކަން ވެސް ކަށަވަރުކޮށްދިނީ ކަމަށް ވިދާޅުވިއެވެ.

ޤާނޫނު އަސާސި އަށް އިޞްލާހު ގެނައީ އަވަސް އަރުވާލައިގެންކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ބިލް ފާސްކުރުމުގައި މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މެންބަރުން ގޮނޑި ބަދަލު ނުކުރެވޭ ގޮތުގެ އިޞްލާހު ފާސްވީ 78 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 13 މެންބަރުން ވޯޓު ދެއްވިއެވެ.

ގާނޫނު އަސާސީ އަށް މިއަދު ގެނައި އިސްލާހު ރައީސް ވަނީ މިރޭ ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު