ENGLISH
13 ޖުލައި 2025
ވިމްބަލްޑަން: އަނިސިމޯވާ ބަލިކޮށް، ސްވިއާޓެކް ޗެމްޕިއަންކަން ހޯދައިފި
12 ޖުލައި 2025
|
ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި ސްވިއާޓެކް. --ފޮޓޯ: އޭޕީ
ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި މިރޭ އެމެރިކާގެ އެމަންޑާ އަނިސިމޯވާ ބަލިކޮށް، ޕޮލެންޑްގެ އީގާ ސްވިއާޓެކް އެ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.
މިއީ އުމުރުން 24 އަހަރުގެ ސްވިއާޓެކް، ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި، މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ހަވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ގްރޭންޑް ސްލޭމް ހުރިހާ ފައިނަލެއް ކާމިޔާބުކޮށްފައެވެ.
ސެންޓަރކޯޓުގައި މިރޭ ކުޅުނު މެޗުން މުބާރާތުގެ އަށްވަނަ ސީޑު، ސްވިއާޓެކް ވަނީ ސީދާ ދެ ސެޓުން ތޭރަވަނަ ސީޑް، އަނިސިމޯވާ ބަލިކޮށްފައެވެ. ގާތްގަނޑަކަށް 57 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ސްވިއާޓެކް ކާމިޔާބުކުރީ 6-0، 6-0 އިންނެވެ.
މިއީ 1911 ވަނަ އަހަރުގެ ފަހުން، އަންހެން ސިންގަލްސްގައި ވިމްބަލްޑަން ފައިނަލުގައި ގޭމެއް ގެއްލުވާނުލައި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
"މިއީ ހުވަފެނެއް ފަދަ ކާމިޔާބީއެއް،" ސްވިއާޓެކް ބުންޏެވެ.
މީގެކުރީން، ސްވިއާޓެކް ކާމިޔާބުކުރި ގްރޭންޑް ސްލޭމް ޓެނިސް ފަސް މުބާރާތަކީ ވެސް ކްލޭ ނުވަތަ ހާޑް ކޯޓުގައި ހޯދީ ކާމިޔާބީއެވެ. އެއީ، ފްރެންޗް އޯޕަން ޓެނިސް މުބާރާތް ހަތަރު ފަހަރު، ޔޫއެސް އޯޕަން އެއް ފަހަރު އެވެ.
ސްވިއާޓެކް ބުނީ، ވިމްބަލްޑަން ޗެމްޕިއަންކަން ހޯދުމަކީ ދުވަހަކުވެސް ހުވަފެނުން ވެސް ދެކެފައިނުވާ ކަމެއް ކަމަށެވެ. ކުރީން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތައް ކާމިޔާބުކޮށްފައިވުމުން، ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ އަށް ސިފަކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން މިފަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ ކަމަށް ޤަބޫލުކުރެވޭ ކަމަށް ސްވިއާޓެކް ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން އަނިސިމޯވާ ބުނީ، މިދިޔަ ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށްވީނަމަވެސް، އެންމެ ފަހު ވަގުތު އިތުރަށް އޭނާ ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި، ފައިނަލުގައި މިއަށްވުރެ ރަނގަޅު ކުޅުމެއް އޭނާ އަށް ދެއްކޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ވެސް އަނިސިމޯވާ ބުންޏެވެ.