ENGLISH
08 ޑިސެމްބަރު 2025
ގެމަނަފުށީގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
08 ޑިސެމްބަރު 2025
|
ގެމަނަފުށީ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އާރުޑީސީ
ގއ. ގެމަނަފުށީގައި ތަރައްޤީކުރަމުން އަންނަ މިސްކިތުގައި މިހާރު ކުރަމުން އަންނަނީ، ވުޟޫ ކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދު ކޮނުމާއި ރެއިންފޯސްމަންޓްގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ސަރުކާރުން އާރުޑީސީއާ ހަވަލުކޮށްގެން ކުރަމުން އަންނަ މަސައްކަތެކެވެ.
މި މިސްކިތް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.
މި މަޝްރޫއު ކުރިން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެ، އެ މަސައްކަތް ކުރިއަށް ނުދާތީ އިސްލާމިކް މިނިސްޓްރީން މި މަޝްރޫއު ވަނީ އޮގަސްޓް 5، 2025 ގައި އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރުގެ އިތުރުން މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ނިމިގެންދާނެކަމަށް އާރުޑީސީން ބުންޏެވެ. މީގެ އިތުރުން މި މިސްކިތުގައި ސޯލާރ ޕެނަލް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއަކީ 240 ދުވަސްތެރޭގައި ނިންމާގޮތަށް 7.7 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެެވެ.