ENGLISH

30 ޖޫން 2025

Advertisement

އަހަރަކަށް ވުރެ އަވަހަށް ޔުރޭނިއަމް މުއްސަނދިކުރަން އީރާނަށް އަލުން ފެށޭނެކަމަށް އައިއޭއީއޭ އިން ބުނެފި

30 ޖޫން 2025

|

ހަސަން އާމިރު

އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދިޔަ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް ދީފައިވީނަމަވެސް، އަހަރަކަށް ވުރެ އަވަހަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނަށް އަލުން ފެށޭނެކަމަށް، ނިއުކްލިޔަރ ހަކަތައާބެހޭ ބައިނަލްއަޤުވާމީ އިދާރާ، އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮސީ ވިދާޅުވެއްޖެއެވެ.

އިޒްރޭލުން އީރާނަށް ޙަމަލާތައް ދެމުންދަނިކޮށް، އެމެރިކާއިން ވެސް ވަނީ އެ ކުރިމަތިލުންތަކުގެ ތެރެއަށް ވަދެ، އެމެރިކާއިން، އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައިފައެވެ.

އެ ޙަމަލާތަކުގައި ލިބުނު ގެއްލުންތަކާބެހޭ ގޮތުން ވަނީ ވަރަށް ބޮޑަށް ޚިލާފު އުފެދިފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓަކާ ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިގޮތުން، އެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ފަހަތަށް ޖައްސާލެވިފައިވަނީ އެންމެ ހަތަރު މަސް ދުވަހުގެ މަސައްކަތެވެ.

ނަމަވެސް، އެ ރިޕޯޓު ޤަބޫލުފުޅު ކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ވަނީ އެކީގައި ސުންނާފަތިކޮށްލެވިފައެވެ.

ޖާސޫސީ ރިޕޯޓުން ތިލަވެފައިވާ މަޢުލޫމާތުތަކަށް ބާރު ދެއްވަމުން، ގްރޮސީ ވިދާޅުވީ، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި އީރާނުގެ ހުރިހާ މަރުކަޒުތަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން، ކުރިއަށް އޮތް މަދު މަސްތަކުގައި، ޔުރޭނިއަމް މުއްސަނދި ކުރަން ފެށުމުގެ ޤާބިލުކަން އީރާނުގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ނުވަ ނިއުކްލިޔަރ ބޮން އުފެއްދުމާ ގާތަށް 60 އިންސައްތަ އާ ހަމައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކު، އެމެރިކާގެ ޙަމަލާތަކުގައި ނައްތާލެވިފައިވާ ކަމަށް ޔަޤީންނުވާކަމަށް ވެސް ގްރޮސީ ވިދާޅުވިއެވެ.

އަދި ކައިރި މުސްތަޤުބަލެއްގައި އެކަން ސާފުވާންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އީރާނާއި އިޒްރޭލާ ދެމެދު ޙަމަލާތައް ބަދަލުކުރަމުންދާތާ 12 ދުވަސް ފަހުން، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އެއްބަސްވެފައެވެ.

އިޒްރޭލުން ޙަމަލާތައް ދޭން ފެށީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އައިއޭއީއޭއިން ތައްޔާރުކުރި "ދޮގު" ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

އެއާ އެކު، އައިއޭއީއޭ އަށް އެއްބާރުލުން ދިނުން މެދުކަނޑައިލަން، އީރާނުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލެއް މިހާރު ވަނީ ތަސްދީޤުކޮށް، ޢަމަލުކުރަން ފަށައިފައެވެ.

ނިއުކްލިޔަރ ހަކަތަ އުފައްދަން، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އިއާދަކޮށްފިނަމަ، އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަސްނުޖެހޭނެކަމުގެ އިންޒާރު، ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު