ENGLISH

02 ޖުލައި 2025

Advertisement

"މޫދު ފެސްޓު" ފަށައިފި، ކުޑަކުދިންނަށް އަމާޒުކުރި ޑިސްކަވާ ޑައިވްގައި ވެސް 40 ކުދިން ބައިވެރިވި

21 ޖޫން 2025

|

ޝާމަ ޝުޢައިބު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ "މޫދު ފެސްޓު" ހަރަކާތުގެ ތެރެއިން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކަކާ އެކު "މޫދު ފެސްޓް" ފަށައިފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހުޅުމާލޭ ފޭސް އެކެއްގެ (ދިރާގު) ގޮނޑުދޮށުގައެވެ. މި ހަރަކާތްތައް މެންދުރު 1:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ.

"މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ގިނަ ސްޓޯލްތަކެއް ވަނީ ބަހައްޓައިފައެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވިއެވެ.

މި ހަރަކާތުގައި ކުޑަކުދިންނާ އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުން އޮތީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދިޔަ ޑިސްކަވާ ޑައިވް ހަރަކާތެވެ. މިހަރާކާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ. ޑިސްކަވާ ޑައިވް ހަރަކާތުގައި 40 ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމަށް ހިންގި ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމެވެ. މި އިވެންޓްގެ ހުރިހާ ބައިވެރިންނަށާއި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަނީ ހަނދާނީ ސެޓްފިކެޓް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު