ENGLISH
02 ޖުލައި 2025
2024އާ އަޅާބަލާއިރު އަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް 1.8 ބިލިޔަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި
21 ޖޫން 2025
|
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
މިއަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަރަނި ދެއްކުމަށް 1.8 ބިލިޔަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމު ކުރަމުންދާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ޖުމްލަ 20.6 ބިލިއަން ރުފިޔާގެ ތެރެއިން ތިން ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ލޯނުތައް ދެއްކުމަށެވެ.
ލޯނު އަނބުރާ ދެއްކުމަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ދަރަނިދެއްކުމަށް އިތުރު 1.8 ބިލިއަން ރުފިޔާ މިއަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވާ ކަން ހާމަވެއެވެ.
ލޯނު ދެއްކުމަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލައިރު މި އަހަރު އިތުރުވި ނަމަވެސް ދައުލަތުގެ ކެޕިޓަލް ޚަރަދާއި ރިކަރަންޓް ޚަރަދު މިއަހަރު ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން އަހަރުގެ މިހާތަނަށް ދައުލަތުގެ ކެޕިޓަލް ޚަރަދާއި ރިކަރަންޓް ޚަރަދަށް ހޭދަކޮށްފައިވަނީ 15.6 ބިލިއަން ރުފިޔާއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދާ ރިކަރަންޓް ޚަރަދަށް ހޭދަކޮށްފައިވަނީ 20.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ޖުމްލަ އާމްދަނީ އިން ކެޕިޓަލް ޚަރަދާ ރިކަރަންޓް ޚަރަދު އުނިކުރުމުން ބަޖެޓްގެ އޯވަރޯލް ބެލެންސް މި އަހަރުގެ މިހާތަނަށް ހުރީ 1.2 ބިލިއަން ރުފިޔާ ސާޕްލަސްގައެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ.