ENGLISH
02 ޖުލައި 2025
މިދިޔަ އަހަރު ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ދޫކުރި، އަސާސީ ޕެންޝަނަށް އެކަނިވެސް 1.3 ބިލިއަން ރުފިޔާ
21 ޖޫން 2025
|
ޕެންޝަން އޮފީސް ހުންނަ އިމާރާތް - ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ފާއިތުވި 2024 ވަނަ އަހަރު ދައުލަތުން ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނެޝެނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ދައުލަތުން ޕެންޝަނުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު، ހަތް އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ދޫކޮށްފައިވަނީ މައިގަނޑު ތިން ބާވަތެއްގެ ޕެންޝަނެވެ. އެއީ ރިޓަޔަމަންޓް ޕެންޝަނާއި، އަސާސީ ޕެންޝަނުގެ އިތުރުން އެހެނިހެން ޕެންޝަންތަކެވެ.
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓްކޮށްގެން ރިޓަޔަމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ.
އެމްއާރްޕީއެސްގެ މައިގަނޑު އަމާޒަކީ މަސައްކަތްތެރިން ވަޒީފާއަދާކުރާ މުއްދަތުގައި ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަމަންޓަށްފަހު ކަނޑައެޅޭ އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމެވެ.
ތަފާސްހިސާބަށް ބަލާއިރު 2024 ވަނަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވަނީ 165 މިލިޔަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު، 2023 ވަނަ އަހަރު ރިޓަޔަމަންޓް ޕެންޝަނަށް ދޫކުރި 146 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޓަޔަމަންޓް ޕެންޝަން ދިން މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން މިދިޔަ އަހަރު މި ބާވަތުގެ ޕެންޝަންގެ ގޮތުގައި އަންހެނުންނަށް 38 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު މި އަދަދު އުޅެނީ 27 މިލިޔަން ރުފިޔާގައެވެ. އަދި ފިރިހެނުންނަށް މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 126 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު ދީފައިވަނީ 118 މިލިޔަން ރުފިޔާއެވެ.
ދެވަނައަށް ދޫކޮށްފައިވާ ބާވަތުގެ ޕެންޝަނަކީ އަސާސީ ޕެންޝަނެވެ. އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް އުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.
ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަސާސީ ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރު ދޫކޮށްފައިވަނީ 1.3 ބިލިޔަން ރުފިޔާއެވެ. ނަމަވެސް އޭގެ ކުރީ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ. އަސާސީ ޕެންޝަނަށް ބަލާއިރު 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އަސާސީ ޕެންޝަނަށް ދޫކުރި ފައިސާ ވަނީ ހަތް އިންސައްތައިން އިތުރުވެފައެވެ.
މި ބާވަތުގެ ޕެންޝަން ވެސް އެންމެ ގިނައިން ދޫކޮށްފައިވަނީ އަންހެނުންނަށެވެ. އެގޮތުން އަންހެނުންނަށް 638 މިލިޔަން ރުފިޔާ އަސާސީ ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވާއިރު ފިރިހެނުންނަށް ދޫކޮށްފައި ވަނީ 635 މިލިޔަން ރުފިޔާއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެހެނިހެން ޕެންޝަނަށް މިދިޔަ އަހަރު ޚަރަދުކުރީ 364 މިލިޔަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު، 2023 ވަނަ އަހަރު އެހެނިހެން ޕެންޝަންގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 358 މިލިޔަން ރުފިޔާއެވެ.
މިއާއެކު މިދިޔަ އަހަރު ދައުލަތުން ޕެންޝަނަށް ޚަރަދު ކުރި ފައިސާގެ އަދަދު ވަނީ 1.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. އެ އަހަރު ދައުލަތުން ޕެންޝަނަށް ޚަރަދު ކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.