ENGLISH
02 ޖުލައި 2025
މަތީ އަރުތަވެރިންގެ އެވޯޑު؛ ފުރަތަމަ ސެޝަނުގައި 440 ދަރިވަރަކަށް އެވޯޑު ދީފި
21 ޖޫން 2025
|
އަރުތަވެރިންނަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސްކްރީން ޝޮޓް
އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުތަކުން މަތީ ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވަމުންދާ ރަސްމިއްޔާތުގެ ފުރަތަމަ ސެޝަނުގައި 440 ދަރިވަރަކަށް މިއަދު އެވޯޑު ހަވާލުކޮށްފިއެވެ.
މި އަހަރު "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ކަަންކަން ކުރިއަށްގެންދަނީ ފަސް ސެޝަނަކަށް ބަހާލައިގެން މިއަދާއި މާދަމާގެ އެކި ގަނޑިތަކުގައެވެ. މި ރަސްމިއްޔާތު ބާއްވަނީ މާލޭގެ ސޯޝަލް ސެންޓަރުގައެވެ.
މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސްޕެޝަލް އެންވޯއީ އޮފް ދި ޕްރެޒިޑެންޓް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަަނިކެވެ.
މި ދަންފަޅީގައި އިނާމު ދިނީ އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ގަދަ ނުވައެއްގައި ހިމެނުނު ދަރިވަރުންނަަށާއި ގަދަ އަށެއްގައި ގުނައިލެވުނު ދަރިވަރުންނަށެވެ. އެގޮތުން ގަދަ ނުވައެއްގައި ހިމެނިގެން 221 ދަރިވަރަކު އަދި ގަދަ އަށެއްގައި ހިމެނިގެން 219 ދަރިވަރަކު އިނާމު ހާސިލުކުރިއެވެ.
މި އަހަރު އޯލެވެލް އަދި އޭ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިގެން އަރުތަވެރިންގެ އިނާމު ލިބޭ ދަރިވަރުންގެ އަދަދު 1،800 އަށްވުރެ މަތިވާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އަރުތަވެރިންގެ އިނާމު ދިނުމުގެ ތެރޭގައި އޯލެވެލްއިން އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދިނުމާއި އޭލެވެލްއިން އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސްގެ ސްކޮލާޝިޕް ހަވާލުކުރުމާއި، އޭފާސް އަދި އެއަށްވުރެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުން އޮންނާނެއެވެ.