ENGLISH

02 ޖުލައި 2025

Advertisement

ހޯޕް އައިލެންޑާއި މައި ޖަލު ހަދަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

21 ޖޫން 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން (ފޮޓޯ/ ސަރުކާރު. އެމްވީ)

ކ. އުތުރުތިލަފަޅުގައި ހުރިހާ ޖަލެއް އެއްކޮށްލައިގެން ހަދާ 'ސެންޓްރަލް ޕްރިޒަން' އާއި ކުށް ކުރާ ކުދިން ކުށުގެ މާހައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް 'ހޯޕް އައިލެންޑް' ގެ ނަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ރީހެބިލިޓޭޝަން ފެސިލިޓީ ހެދުމަށްޓަކައި 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯޕް އައިލެންޑް އަދި ސެންޓްރަލް ޕްރިޒަން މަޝްރޫއު ހިންގުމަށްޓަކައި 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށަހެޅުމުގެ ފުރުސަތު ކުންފުނިތަކަށް މިނިސްޓްރީން ހުޅުވާލީ މިދިޔަ އޭޕްރިލް 21 ގަ އެވެ. އެ މުއްދަތު ވަނީ އެ މަހުގެ 27 ގެ ނިޔަލަށް ހަމަވެފަ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ދެ މަޝްރޫއު އެއްކޮށް ހިންގަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން ފައިނަލް ޕްރޮޕޯޒަލް ލިބުމާއެކު، އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ބަޔަކާ އެ މަޝްރޫއު ހަވާލުކުރާނެ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

" މީގެތެރޭގައި އެބަ ހިމެނޭ އެމެރިކާގެ ކުންފުންޏެއް، ޗައިނާގެ ކުންފުންޏެއް ދެން އަދި ދިވެހި ކުންފުންޏަކާއި މެލޭޝިޔާގެ ކުންފުންޏެއް ވެސް. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ހޯޕްފުލް މި ފަރާތްތައް ވަރަށް ކޭޕަބަލް ކުންފުނިތަކެއް.  އޭގެ ފައިނަލް ޕްރޮޕޯސަލް އަޅުގަނޑުމެންނާ ހިސާބަށް ލިބުމުން އިވޭލުއޭޓްކޮށްފަ މިތަނުން ކޮންމެވެސް އެއް ބަޔަކަށް މި މަސައްކަތް ހަވާލުކޮށްގެން އަމަލީ މަސައްކަތް އަޅުގަނޑުމެން މި ބަލަނީ އަންނަ ޖުލައި މަސް ތެރޭގައި ފެށޭ ވަރުވޭތޯ. " ވަޒީރު ވިދާޅުވި އެވެ.

ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު މަޝްރޫއު ހިންގަން ސަރުކާރުން ހުޅުވާލީ މަޝްރޫއަށް ހޭދަވާ ހަރަދުތައް ފޫބެއްދުމަށްޓަކައި ފައިދާ ވާނެ ގޮތްތަކެއް ހުށަހެޅުމުގެ ފުރުސަތު އިންވެސްޓަރުންނަށް އޮންނާނެ ގޮތަށެވެ. އެގޮތުން، މަޝްރޫއު 4 ގޮތަކަށް ހިންގަން ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެއީ:  

  • އެއްކޮށް ތަރައްގީކުރުމުގެ މޮޑެލް: ދ. ވާނީއާއި އެ ރަށުގެ ފަޅާއި އަދި އިތުރު ދެ ފަޅެއްގެ ބަދަލުގައި މުޅި މަޝްރޫއު އެއްކޮށް ނިންމުން (ބިން ހިއްކުމާއި އެކު އިމާރާތްކުރުން). މި މޮޑެލްގެ ދަށުން، އިންވެސްޓަރުންނަށް ވާނީގައި ހިންގާ ވިޔަފާރިތަކުން ނަގާ ޓެކްސް އަދި ކުލީގެ ރޭޓު ކުޑަކުރުމަށް އެދެވިދާނެ
  • ހަމައެކަނި އިމާރާތްކުރުން : ބަދަލުގައި ވިޔަފާރީގެ ބޭނުމަށް ފަޅުތަކެއް
  • ހައިބްރިޑް މޮޑެލް: ފަޅުތަކެއްގެ ބަދަލުގައި ބިން ހިއްކުމާއި އެކު ބައެއް ތަންތަން އިމާރާތްކުރުން
  •  އޮޕަރޭޝަނަލް މެނޭޖްމެންޓް އޮޕްޝަން: ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަވާނެ ގޮތަކަށް ރަށުގެ ބައެއް އޮޕަރޭޓްކުރުން

އުތުރުތިލަފަޅުގެ 15 ހެކްޓަރުގެ ބިމެއްގައި ގާއިމުކުރާ ހޯޕް އައިލެންޑް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގަ ހުންނާނެ ގޮތަށެވެ. ސެންޓްރަލް ޖަލު އެޅުމަށް ހަމަޖެހިފައިވަނީ 6000 މީހުންގެ ޖާގަ ހުންނާނެ ގޮތަށެވެ.  މި ދެ މަޝްރޫއު ނިންމުމަށްފަހު 2027 ވަނަ އަހަރުގެ އޮކްޓޯބަރުގެ ކުރިން ސަރުކާރާއި ހަވާލުކުރަންޖެހޭނެ ކަމަށް މިނިސްޓްރީން މީގެކުރިން އިއުލާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު