ENGLISH
02 ޖުލައި 2025
މާލީ ސިޔާސަތުގެ ކާމިޔާބު؛ ދަރަނި ދެއްކުމުގެ ހަރަދު 5 ބިލިއަނަށް އެރިއިރުވެސް ބަޖެޓުގެ އަރަނި ބިލިއަނަކަށްވުރެ މަތި
21 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ޖުމްލަ ހަރަދު ފަސް ބިލިއަނަށްވުރެ މަތިވި ނަމަވެސް ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު ދައުލަތުގެ ބަޖެޓު ދަރަނިވެރިނުވެ 1.2 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ދައުލަތަށް މި އަހަރު ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ނިމުނު އަހަރަށްވުރެ ވަރަށް ބޮޑަށް ކުޑަކުރެވިފައިވާއިރު އެ މުއްދަތުގައި ލިބުނު އާމްދަނީވެސް ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ.
އެގޮތުން ނިމުނު އަހަރުގެ ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 15.9 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި އެއަށްވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި ލިބުނެވެ. މި އަހަރު 16.9 ބިލިއަންް ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއި ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވިކަން މާލީ ހިސާބުތަކުން ދައްކައެވެ.
ހަރަދުތަކަށް ބަލާއިރު ނިމުނު އަހަރުގެ ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް 20.3 ބިލިއަން ރުފިޔާ ހަރަދުވިއެވެ. މި އަހަރުގެ އެ މުއްދަތުގައި ހަރަދުވެފައިވަނީ 15.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ހަރަދުވެފައިވަނީ ނިމުނު އަހަރަށްވުރެ 4 ބިލިއަނެއްހައި ރުފިޔާ މަދުންނެވެ.
ޖުމްލަ ހަރަދު ކުޑަކުރެވުނު ނަމަވެސް ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ނިމުނު އަހަރަށްވުރެ އެތައް ގުނައެއް އިތުރުވެފައިވެއެވެ. ނިމުނު އަހރު ލޯނު ދެއްކުމަށް ހަރަދުކުރީ 1.1 ބިލިއަން ރުފިޔާ އަދި އިންޓަރެސްޓު ދެއްކުމާއި ފައިނޭންސްގެ ހަރަދުތަކަށް ހޭދަވީ 2.1 ބިލިއަން ރުފިޔާއެވެ. ދަރަނި އަދާކުރުމަށް ޖުމްލަ 3.2 ބިލިއަން ރުފިޔާ ހަރަދުވިއެވެ.
މި އަހަރު ލޯނު ދެއްކުމަށް ތިން ބިލިއަން ރުފިޔާ އަދި އިންޓަރެސްޓު ދެއްކުމާއި ފައިނޭންސިން ހަރަދުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެއާއެކު ދަރަނި އަދާކުރުމުގެ ޖުމްލަ ހަރަދު ފަސް ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދުތައް ބޮޑުވި ނަމަވެސް ދައުލަތުގެ ޖުމްލަ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ދަރަނިވެރިވެފައިނުވެއެވެ. ނިމުނު އަހަރުގެ ޖޫން 12 ވަނަ ދުވަހާ ހަމައަށް އައިއިރު ބަޖެޓު އޮތީ 4.3 ބިލިއަަން ރުފިޔާއިން ދަރަނިވެރިވެފައެވެ. ނަމަވެސް މި އަހަރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ބަޖެޓުވަނީ 1.2 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައެވެ.
ދަރަނި އަދާކުރުމަށް ހަރަދުކުރަންޖެހުނު ފައިސާ ބަޖެޓުގެ ހަރަދުތަކުން އުނިކުރުމަށްފަހު އާމްދަނީއާއި ހަރަދުގެ ފަރަގު ހިސާބުކުރުމުން މި އަހަރުގެ ބަޖެޓު އަރަނި 3.3 ބިލިއަން ރުފިޔާއަށް އަރައެވެ.
ބަޖެޓުގެ ޑެފިސިޓު ބޮޑުވުމަކީ ދައުލަތުގެ ބޭރުގެ ދަރަނިތައް އަދާކުނުކުރެވުމުގެ ހިރާސް ބޮޑުވާ ސަބަބެއްގެ ގޮތުގައި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ފާހަގަކުރަމުން އައި ކަމެއް ނަމަވެސް ފާއިތުވި ފަސް އަހަރު ބަޖެޓުގެ ޑެފިސިޓު ބޮޑުވިޔަނުދީ ހިފަހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވެއެވެ.
މި ސަރުކާރުން އަންނަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވަކި އިންތިޒާމުތަކެއްގެ ތެރެއިން އެ މަޝްރޫއުތަކުގެ އަގުގައި މަޝްރޫއުތައް ހިންގައި ދައުލަތުގެ ސަލާމަތްކުރުމަށް މަސައްކަަތްތަކެއް ކުރަމުންނެވެ. އޭގެ އިތުރަށް ދައުުލަތުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށްވެސް ސަރުކާރުންވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ހުރިހާ ފިޔަވަޅުތަކާއެކު ބަޖެޓު ދަރަނިވެރިނުވެ އަރަނީގައި ކުރިއަށްގެންދެވޭނެކަން ސަރުކާރުންވަނީ ކަށަވަރުކޮށްފަައެވެ.