ENGLISH
02 ޖުލައި 2025
އިޖުތިމާއީ މައްސަލަތައް ހައްލުކުރަން ޚާއްސަ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް މެޑަމް ސާޖިދާ އުފައްދަވައިފި
20 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް
އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާއްސަކޮށް، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އުފައްދަވައިފިއެވެ.
މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ އިއްޔެ މިކަން ހާމަކުރައްވާފައެވެ.
މެރކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް އުފެއްދެވީ މެރކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ޖަމުއިއްޔާއާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައިނުވާއިރު އެކަމަނާ ވަނީ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމެޓީ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.
އޭގެ އިތުރުން މި ބައްދަލުވުމުގައި މެޑަމް ސާޖިދާ ވަނީ މުހިންމު އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި، ކުޑަކުދިންގެ އަދުލާއި، ކުޑަކުދިން ގާނޫނާ ޚިލާފުވާ މައްސަލަ އާއި، ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް ޔުނައިޓަޑް އަރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކަމަނާ މިހާރު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.