ENGLISH
02 ޖުލައި 2025
އަހަރުގެ ފުރަތަަމަ ކުއާޓާގައި ޖީޑީޕީ މައްޗަށް؛ މައިގަނޑު ހުރިހާ ސިނާއަތްތަކަށް ބޮޑު ކުރިއެރުމެއް
20 ޖޫން 2025
|
މާލޭ ވިޔަފާރި ބަނދަރު
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ނިމުނު އަހަރަށްވުރެ ގައުމީ އުފެއްދުންތެރިކަން އިތުރުވުމާއެކު، ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާއަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ އިގުތިސާދީ އަދާހަމަ ރިޕޯޓުގައި ބުނެފައިވާ ގޮތުން އަވަހަށް ދެނެގަނެވޭ އިގުތިސާދީ މުއައްޝަރުތައް ނުވަތަ އިންޑިކޭޓާސްއަށް ބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) އިތުރުވިކަމަށް އަންދާޒާކުރެވޭކަން ފާހަގަކުރުމާއެކު، އެމްއެމްއޭއިން ބުނެފައިވަނީ އެ ކުރިއެރުމުގެ ފަހަތުގައިވަނީ އިމާރާތްކުރުމާއި ރިއަލް އެސްޓޭޓުގެ ދާއިރާއާއި ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުން ކަމަށެވެ.
ނަމަވެސް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއަށް ކުޑަ ހީނަރުކަމެއް އައުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރުވި މިންވަރަށް ކޮންމެވެސް މިންވަރެއްގެ ނޭދެވޭ އަސަރެއްކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ ރިޕޯޓުގައި ފާހަގަކުރިއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެއް ކުއާޓާއެއްގައި ޒިޔާރަތްކުރި ކުއާޓާއެވެ. އެގޮތުން އެ ކުއާޓާގައި 632،422 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ނިމުނު އަހރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު އެއީ %5 އިތުރު އަދަދަކަށްވާއިރު 2024 ގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު އެއީ %15ގެ ކުރިއެރުމެކެވެ.
ފަތުރުވެރިން އައި މިންވަރު އިތުރުވި ނަމަވެސް ބެޑްނައިޓްސް %2 ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރިސޯޓުތަކުގެ ބެޑްނައިޓްސް %9 ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކާއިރު ގެސްޓުހައުސްތަކާއި ހޮޓާތަކުގެ ބެޑްނައިޓްސް ނިމުނު އަހަރަށްވުރެ އިތުރުވިއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ ބާޒާރުތަކަށް ބަލާއިރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ނުވަ އިންސައްތަ އަދި ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދު އަށް އިންސައްތައަށް އިތުރުވިއެވެ. އަދި އިނގިރޭސިވިލާތުން ފަތުރުވެރިން އައި މިންވަރު 12 އިންސައްތަ އިތުރުވިއެވެ.
ރާއްޖެއަށް ބައިނަލްއަގުވާމީ އެއާލައިނުތަކުން ކުރި ދަތުރުތައް 5 އިންސައްތަ އިތުރުވެފައިވާއިރު، ރާއްޖޭގައި އޮޕަރޭޓުކުރާ ރިސޯޓުތަކުގެ އަދަދު 174 ރިސޯޓަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އިތުރުވިއެވެ. ފަތުރުވެރިކަމުގެ އެނދުގެ 69 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. 22 އިންސައްތަ ހިއްސާކުރަނީ ގެސްޓުހައުސްތަކެވެ.
އިމާަރާތްކުރުމާއި ރިއަލް އެސްޓޭޓުގެ ދާއިރާ ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ އިތުރުވެފައިވާއިރު، ރިއަލް އެސްޓޭޓުން ގައުމީ އުފެއްދުންތެރިކަމަށް އަގުއިތުރުކުރި މިންވަރު 10.5 އިންސައްތަ އިތުރުވިކަން ހިސާބުތަކުން ދައްކައެވެ.
އިމާރާތްކުރުމުގެ ދާއިރާ ކުރިއެރިކަމުގެ ނިޝާންތަކަށް ބަލާއިރު ކުރީ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ދާއިރާއާ ގުޅުންހުރި މުދާ އިމްޕޯޓުކުރި މިންވަރު 16 އިންސައްތަ އިތުރުވެފައިވެއެވެ. ހަމައެހެންމެ ބޭންކުތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ލޯނު ދޫކުރި މިންވަރު 13 އިންސައްތަ އިތުރުވިކަން ހިސާބުތަކުން ދައްކައެވެ.
މި ދާއިރާއަށް ބޭންކުތަކުން ދޫކުރި ލޯނުތައް އިތުރުވި މައިގަނޑު ސަބަބަކީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ދޫކުރި ލޯނުތައް އިތުރުވުމެވެ. އަދި އަމިއްލަ ގެދޮރު ތަރައްގީކުރުމަށާއި އެހެނިހެން އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގުމަށް ދޫކުރި ލޯނުވެސް ފުރަތަމަ ކުއާޓާގައި ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ.
ފާއިތވި އަހަރުގެ ހަތަރުވަނަ ކުއާޓާގައި މަސްވެރިކަމުގެ ސިނާއަތުން ގައުމީ އުފެއްދުންތެރިކަމަށް އަގުއިތުރުކުރި މިންވަރު 2023 ވަނަ އަހަރާ އަޅާބަލާއިރު 71 އިންސައްތަ ދަށްވިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިސްބަތް މަތިވެފައިވާކަމަށް ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް އެމްއެމްއޭއިން އަންދާޒާކުރެއެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގއި 24،902.3 މެޓްރިކް ޓަނުގެ މަސް ކުންފުނިތަކުން ގަނެފައިވާއިރު އެއީ ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ. ކުންފުނިތަކުން މަސް ކިރުވި މިންވަރު އިތުރުވި މައިގަނޑު އެއް ސަބަބަކީ ކަޅުބިލަމަސް ކިރުވި މިންވަރު ނިމުނު އަހަރަށްވުރެ %7 އިތުރުވުމެވެ.
ފުރަތަމަ ކުއާޓާގައި މަސްކިރުވާފައިވަނީ ކަޅުބިލަމަސް ކިލޯއެއް 14 ރުފިޔާއާއި 16 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. އަގު ދަށްވުމުގެ މައިގަނޑު ސަބަަބަކީ ކުރިން ވަކި އަގެއްގައި މަސް ގަންނަމުން އައި އައުން މިފްކޯއިން ނިމުމަކަށް ގެނައުންކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
ފުރަތަމަ ކުއާޓާގައި މުދާ އިމްޕޯޓުކުރި މިންވަރު އިތުވީ ވަރަށް ކުޑަކޮށެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މުދާ އިމްޕޯޓުކުރި މިންވަރު އިތުރުވީ އެންމެ %1 އެވެ. ނަމަވެސް އެ މުއްދަތުގައި ވިޔަފާރި ބޭންކުތަކުން ހޯލްސޭލް އަދި ރީޓެއިލް ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 32 އިންސައްތަ ދަށްވިއެވެ.
ހޯލްސޭލް ރީޓެއިލް ދާއިރާގެ ކުރިއެރުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި މަޑުޖެހުނުކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް އެ ދާއިރާއިން ގައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރި މިންވަރު 2024 ގެ ފަހު ކުއާޓާގައި 3.2 އިންސައްތަ އިތުރުވިއެވެ.