ENGLISH
20 ޖޫން 2025
ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް ފްލެޓްތައް ނިންމާ ޙައްޤުވެރީންނަށް ދިނުން: މިނިސްޓަރު
19 ޖޫން 2025
|
ރައީސް މުޢިއްޒު ފްލެޓްތައް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާ އެތަންތަން ޙައްޤުވެރީންނަށް ހަވާލު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށް ދިނުން ކަމަށެވެ. އެހެން ކަމުން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމެވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި މަޝްރޫޢުގެ ވެސް ދުވެލި އަވަސް ކުރައްވާ ވީހާވެސް އަވަހަށް ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ގޮތް ވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވި އެވެ. މިހާތަނަށް ބައެއް ޓަވަރުތަކުގެ މަަސައްކަތް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެނާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އަމާޒަކީ ޖުލައި މަސްތެރޭ ބައެއް ފްލެޓްތައް ހަވާލު ކުރުން ކަމަށެވެ. އަދި ޢާންމުންނަށް ވީހާވެސް ފަސޭހަ ކޮށް ދިނުމަށް ފްލެޓްތައް ނިމެމުންދާ ވަރަކަށް ހަވާލު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަންދާޒާ އަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް 4000 ފްލެޓަށް މީހުންނަށް ވަދެވުން ކަމަށް ވެސް ވިދާޅުވި އެވެ.