ENGLISH
20 ޖޫން 2025
ރަސްމާލެ ހިއްކުމުގެ މަޝްރޫއާ ގުޅިގެން އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު 30 ދުވަހުގެ ތެރޭގައި ދިނުމަށް ސީއެމްސީސީސީގެ މައްޗަށް ހުކުމެއް
19 ޖޫން 2025
|
ރަސްމާލެ ހިއްކުން - ފޮޓޯ: ސަރުކާރު
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކި 10 ހެކްޓަރު ބިމަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދައްކަން، އެ މަސައްކަތާ ހަވާލުވި ލަންކާގެ ކުންފުންޏަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ރަސްމާލެ ނަމުގައި ތަރައްގީކުރާ ކ. ފުށިދިއްގަރު ފަޅުން ބިން ހިއްކުމަށް ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ފެށި އެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. ނަމަވެސް މަސައްކަތުގެ އަގަށްވާ ފައިސާ ނުލިބޭތީ އެ ކުންފުނިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، މި މަސައްކަތް ނިންމައިފައިވީ ނަމަވެސް، މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ދައްކާފައިނުވާ ކަމަށެވެ.
އެމްޓީސީސީން ހުށަހެޅީ، ދެ ފަރާތުގެ މެދުގައި ވެފައިވާ ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މަސައްކަތުގެ ޖުމްލަ އަގަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެކީ އެއް ފަހަރާ ދައްކައި ޚަލާސްކުރުމަށް، އަމުރުކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސީއެމްސީސީން އެއްބަސްވެފައިވާތީ އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ.
'ރަސްމާލެ' ގެ ނަމުގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކަން ސީއެމްސީސީއާ ހަވާލުކޮށް، އެ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023 ގަ އެވެ. އެ މަޝްރޫއު އޭރު ހަވާލުކޮށްފައިއޮތީ މަޝްރޫއޫގެ އަގުގެ ގޮތުގައި ހުޅުމާލެ އާއި ފުށިދިއްގަރުފަޅުން ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ. އަށް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މަސައްކަތް ތަވާލާ އެއްގޮތަށް ނުނިންމުމުން، ސަރުކާރުން ވަނީ އެ އެއްބަސްވުން މިދިޔަ އަހަރުގެ މެއި މަހު އުވާލާފަ އެވެ. މެދުކެނޑުމަކަށްފަހު، ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.