ENGLISH
20 ޖޫން 2025
ރާއްޖެއިން ބަލައިގެންފައިވަނީ ގާނޫނާ ޚިލާފުވާ ކުދިންނަށް ތަޢުލީމުދީ، އެކުދިންނަށް ދެވަނަ ފުރުސަތެއް ހޯދައިދެވޭ ރީހެބިލިޓޭޓިވް ނިޒާމެއް: މެޑަމް ސާޖިދާ
19 ޖޫން 2025
|
މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ގެ ހަތް ވަނަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއިން ބަލައިގެންފައިވަނީ ގާނޫނާ ޚިލާފުވާ ކުދިންނަށް ތައުލީމުދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް ނެރެ، ދެވަނަ ފުރުސަތެއް ހޯދައިދެވޭ ފަދަ ރީހެބިލިޓޭޓިވް ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ ވަނީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މުހިންމު އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވައިފައެވެ.
އެގޮތުން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި، ކުޑަކުދިންގެ އަދުލާއި، ކުޑަކުދިން ގާނޫނާ ޚިލާފުވާ މައްސަލަ އާއި، ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާމެދު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ، އަދި އެފަދަ މަންސަތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކުގެ ގެއްލުންދެނިވި އަސަރުތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް ގަނާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި، ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަމާމެދު އެކަމަނާ ވާހަކަފުޅުދައްކަވާފައިވެއެވެ.
ކުޑަކުދިން ޤާނޫނާ ޚިލާފުވުމާ އަދި ކުޑަކުދިންގެ އަދުލުގެ މައުޟޫއަށް އިންސާފު ކުރައްވަމުން އެކަމަނާ ވަނީ، ކުޑަކުދިން ގާނޫނާ ޚިލާފުވާން މެދުވެރިވާ ހަގީގީ ސަބަބު ދެނެގަނެ، އެކަމަށް އެދެވޭ ހައްލު ހޯދުމުގެ މުހިންމުކަމާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ފާހަގަކޮށް، އެކުދިން އެހާލަތަށް ދިއުމުގެ ކުރިން އަޅާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ ދުނިޔެއަށް ކުރިމަތިވާ ލޮޅުންތަކުގެ ސަބަބުން ކާބޯތަކެތި ލިބުމުގެ ހިރާސް އޮންނަ ގައުމުތަކެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނޭ ފަދަ ނިޒާމެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އެކަމަނާ ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ހައިޑްރޯޕޯނިކްސް ފަދަ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ގައުމީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ބައްލަވާލެއްވިއެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެކަމަނާ ވަނީ، އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާސަކޮށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް އުފައްދަވާފައިވާކަން އިއުލާނު ކުރައްވާފައެވެ. މެރކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް އުފެއްދެވީ މެރކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމެޓީ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.
މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ގެ ހަތް ވަނަ ސަމިޓުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައެވެ.