ENGLISH
20 ޖޫން 2025
މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސްތެރޭ ނިމޭނެ: މިނިސްޓަރު
19 ޖޫން 2025
|
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް - ފޮޓޯ: ސަރުކާރު
މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރޭ އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތް ފެށުމައި އެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދޮޅު މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މިހާރު އެ އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި އިމާރާތް ނިމުމުން ކްލިނިކުގައި މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ދެވަނަ ތަނެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ގާއިމުކުރާއިރު، ހުޅުމާލެ ހިމެނޭހެން ޖުމްލަ ހަ ކްލިނިކު ގާއިމުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޚިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދި ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބޭއިރު، މައި ހޮސްޕިޓަލް ބާރުކުޑަވެފައި އިމަޖެންސީ ޚިދުމަތްތަކާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާގޮތުން އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުން ދެއެވެ. އޭގެތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އެމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ޚިދުމަތް ދެވިދާނެ ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.