ENGLISH
20 ޖޫން 2025
"މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާ" އަކީ ބޮޑުވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން އެޅޭ މުހިއްމު ފިޔަވަޅެއް: މިނިސްޓަރު
19 ޖޫން 2025
|
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ތޯރިގު އިބްރާހީމް - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާ 2025" އަކީ މި ގައުމުގެ ތިމާށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިއްމު ވިޔަފަޅެއް ކަމަށާ މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަހާސިންތާގެ އެންމެ ބޮޑު އެެއް ބޭނުމަކީ ރާއްޖޭގައި ބޮޑުވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން ކުރެވޭނެ މަސައްކަތް ދެނެގަތުން ކަމަށެވެ.
"ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ގެންދާގޮތް އަޅުގަނޑުމެން ހުރިހާ އެންމެން ދެނެގަނެ އަޅުގަނޑުމެން އެއް ޑިރެކްޝިނަކަށް އެއް މިޝްރާބަކަށް މަސައްކަތްކޮށް ކުނިމެނޭޖްކުރުމުގެ ކަންތައްތައް އަޅުގަނޑުމެން އެންމެ އެދޭގޮތައް ރައީސުލްޖުމްހުރިއްޔާގެ ޓާރގެޓައް މަސައްކަތްކުރުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތޭ މީ،" - ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ތޯރިގު އިބްރާހީމް
މި ޕްރޮގްރާމްގެ މުހިންމުކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަސައްކަތަކީ ވަރަށް މުހިންމު އަދި ބޮޑު އިސްކަމެއްދީގެ ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރު ހިނގޭ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
މި މަހާސިންތާ އަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ގައުމީ ހަރަކާތެކެވެ.
މީގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.
މި މަހާސިންތާގެ ތައްޔާރީތައް ފެށުމާއެކު، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިކަމާ ގުޅުންހުރި އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ކުނި ނައްތާލުމުގެ ޚާއްސަ ކެމްޕޭންތައް ހިމެނެއެވެ.