ENGLISH

20 ޖޫން 2025

Advertisement

ފަހި ދިރިއުޅުން ފުލެޓުތައް ބައްލަވާލައްވައި، ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ދާގޮތް ރައީސް އޮޅުންފިލުއްވައިފި

19 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ރައީސް ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލަވައިލަައްވަައިފިއެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ބައްލަވައިލެއްވުމަށް މިއަދު ހަވީރު އެ ސަރަހައްދަށް ރައީސް ވަޑައިގަތުމުން ސަރުކާރުގެ ބައެއް ވަޒީރުންނާއި އެފްޑީސީގެ އިސްވެރިން އެމނިކުފާނަށް މަރުހަބާ ދެންނެވިއެވެ. 

އެމަނިކުފާނުވަނީ އެފްޑީސީން ބިނާކުރާ 4،000 ހައުސިން ޔުނިޓުތަކުގެ ޓަވަރުތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެއިން ބައެއް ޓަވަރުތަކަށް ވަދެވަޑައިގެން އެތަންތަން ބައްލަވައި، މަސައްކަަތް މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުއްވާފައެވެ. 

މި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ރައީސް އޮޅުންފިލުއްވާފައިވެއެވެ. 

ކުރީ ސަރުކާރުގައި އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އަޅަންފެށި ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް ނިންމައިލެވިފައިނުވެއެވެ. އެ ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ހަލުއިކޮށް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ގިނަ ޔުނިޓުތައް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުނު ފަހުން ކުއްލި ގޮތަކަށް ކުރީ ސަރުކާރުންވަނީ 4،000 ޔުނިޓުގެ ހައްގުވެރިންގެ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓާ ގުޅޭ ގިނަ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމާ ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ އެ ލިސްޓުގެ ބޮޑު ބައެއް ޝަރުތު ފުރިހަމަނުވާ ކަމަށެވެ. 

މި ސަރުކާރުން އެކަމުގައި ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާ ފަރާތްތައް ނޫން ހުރިހާ އެންމެނަށްވެސް ފުލެޓުތައް ދިނުމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފުލެޓު ނުލިބޭ ފަރާތްތަކަށް ފުލެޓު ނުލިބުނު ސަބަބު އެންގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު