ENGLISH
02 ޖުލައި 2025
"މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް އިފްތިތާހުކޮށްފި
19 ޖޫން 2025
|
"މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް ފެށުން - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި "މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ސާފު ރާއްޖެ ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މިނިސްޓަރު ވަނީ މަހާސިންތާ އިފްތިތާހުކޮށްދެއްވުމުގެ އިތުރުން މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހޭންޑްލްތައް ވެސް ތައާރަފު ކޮށްދެއްވާފައެވެ.
ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާ އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
އޭގެއިތުރުން މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކަމާގުޅުންހުރި ޖަމުއިއްޔާ ޖަމާއަތްތަކާ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ މީހުން ބައިވެރިކޮށްގެންނެވެ.
މި މަހާސިންތާ އަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ގައުމީ ހަރަކާތެކެވެ.
މީގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.
މި މަހާސިންތާގެ ތައްޔާރީތައް ފެށުމާއެކު، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިކަމާ ގުޅުންހުރި އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ކުނި ނައްތާލުމުގެ ޚާއްސަ ކެމްޕޭންތައް ހިމެނެއެވެ.