ENGLISH

19 ޖޫން 2025

Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "މޫދު ފެސްޓް" ނަމުގައި ގިނަ ހަރަކާތްތަކެއް

19 ޖޫން 2025

|

އަޙުމަދު ޙަމީދު

ފަރުތައް އިޔާދަކުރުމަށް އެކުއަކަލްޗަރ ސިސްޓަމް މެދުވެރިކޮށް މުރަކަ ވިއްސާ މަޝްރޫޢު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފައިލް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން "މޫދު ފެސްޓް" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އެ ވުޒާރާ އިން ބުނީ މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1ގެ (ދިރާގު) ގޮނޑުދޮށުގައި ކަމަށެވެ. މި ހަރަކާތްތައް މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

މޫދު ފެސްޓް" ގައި ކަނޑާ ގުޅޭ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ގިނަ ސްޓޯލްތަކެއް ހުންނާނެ އެވެ. މި ފެސްޓިވަލްގައި މަސްވެރި ވުޒާރާއާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކާއި ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެ ކަމަށް ވެސް ބުންޏެވެ.

މި ހަރަކާތްތަކުގައި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ބޭނުންކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް އެކިއެކި ކުޅިވަރުތައް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ.  

"މޫދު ފެސްޓް" ފެށިގެންދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. މި ހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާ ކުރުމަށް ހިންގާ ހަރަކާތެކެވެ. މި އިވެންޓް ނިމުމުން ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މޫދު ފެސްޓް"ގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މަސްވެރި ވުޒާރާއިން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު