ENGLISH

02 ޖުލައި 2025

Advertisement

ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ: ހުކުރު ޚުޠުބާ

20 ޖޫން 2025

|

އިސްމާއީލް ރާތިއު

ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ހަނދާންތައް އާ ކުރުމާއި، އެކަމުން ޢިބުރަތްތަކާއި ދަރުސްތަކެއް އެކުލެވޭ ގޮތަށް، "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ޚުޠުބާގައި ބުނެފައިވަނީ، ހިޖުރަ ކުރުމަކީ ހަމައެކަނި އަމިއްލަ ރަށް ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމަށްވުރެ މާ ފުޅާ މާނައެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ. އެގޮތުން ހިޖުރަކުރުމުގެ އެންމެ މަތިވެރި މާނައަކީ، ނުބައިކަންތައް ދޫކޮށް ﷲ ގެ މަގަށް ރުޖޫޢަވުން ކަމަށް، ޚުޠުބާގައި ބުނެފައި ވެއެވެ. މިކަން ބަޔާންކޮށް، މާތް ނަބިއްޔާ صلى الله عليه وسلم އަރިހުގައި އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯ ސުވާލު ދެންނެވުމުން އެކަލޭގެފާނު ދެއްވި ޖަވާބު ގެނެސްފައި ވެއެވެ. އެއީ؛ "މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުމެވެ."

ހިޖުރައިގެ ހާދިސާއިން އަހަރުމެން ހާސިލުކުރަންޖެހޭ އެތައް މުހިންމު ޢިބުރަތެއް، ޚުޠުބާގައި ކިޔައިދީފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ގެނެސްފައިވަނީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން، މާތް ނަބިއްޔާ صلى الله عليه وسلم ހިޖުރައަށް ނުކުމެވަޑައިގަތީ އެކަލޭގެފާނު ބޮޑުފުޅުވި، އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ރަށް ކަމަށްވާ މައްކާ އާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވާ، އިސްލާމްދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި، މި ދަތުރުފުޅަށް ނުކުމެވަޑައިގަންނަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު، ޚުޠުބާގައި ގެނެސްފައި ވެއެވެ. "ﷲ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑު އަދި އެންމެ ލޮބުވެތިކަންބޮޑު ބިމެވެ. އަދި ތިމަންކަލޭގެފާނު ނެރެނުލެއްވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން (މައްކާގެ ބިމުން) ނުކުމެވަޑައިނުގަތީމުހެވެ."

ޞުޙައިބުއްރޫމީ رضى الله عنه ގެ ހިޖުރައިގެ ޢިބުރަތުން ފުރިގެންވާ ހާދިސާ، ޚުޠުބާގައި ގެނެސްފައިވެއެވެ. އެކަލޭގެފާނު ހިޖުރައަށް ނުކުމެވަޑައިގަންނަވަން އުޅުއްވާކަން މައްކާގެ މުޝްރިކުންނަށް އެނގުމުން، އެކަލޭގެފާނުގެ ހުރިހާ މުދަލެއް ދޫކުރައްވާފައި ނޫނީ ދަތުރު ނުފެއްޓެވޭނެ ކަމަށް އެމީހުން ބުންޏެވެ. އެހެންކަމުން އެއްވެސް ފަސްޖެހިވަޑައިގަތުމަކާއި ނުލާ، އެމީހުން އެދުނު ގޮތަށް ހުރިހާ މުދަލެއް ދޫކުރައްވާ ހިޖުރަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން، ބަޤަރާ ސޫރަތުގެ 207 ވަނަ އާޔަތް ބާވައިލެއްވިކަމަށް ޚުޠުބާގައިވެއެވެ. (އަދި اللَّه ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާމެދު ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.)

ދެވަނަ ޢިބުރަތަކަށް ޚުޠުބާގައި ގެނެސްފައިވަނީ، ކަމެއް ކާމިޔާބުވުމުގެ ސިއްރަކީ ދުރާލާ އެކަމަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމުތައް ދުރާލާ ރޭވުން ކަމެވެ. އެގޮތުން ހިޖުރައިގެ ހާދިސާއަށް ބަލާއިރު، ދަތުރުފުޅުގެ ހަތަރު މަސްދުވަސް ކުރިން، ސަވާރީ ތައްޔާރު ކުރެއްވުމުގެ މަސައްކަތް، އަބޫބަކުރުގެފާނު ފެއްޓެވިއެވެ. އަދި، އެކަލޭގެފާނުގެ ހަށިކޮޅު ނުރައްކަލުގެ ތެރެއަށް ހުށަހަޅުއްވާ، ނަބިއްޔާ صلى الله عليه وسلم ގެ އެނދުދާންކޮޅުގައި ޢަލީ رضى الله عنه އަވަހާރަލެފުޅުއްޕެވިއެވެ. މީގެ އިތުރުން، މައްކާއިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހޮޅަގައި ފިއްލަވައިގެން ތިއްބެވި ދުވަސްތަކުގައި އަބޫބަކުރުގެފާނަށާއި މާތް ނަބިއްޔާ صلى الله عليه وسلم  އަށް ފަރީއްކޮޅު ގެންގޮސްދެއްވުމާއި، މައްކާތެރޭގެ ޚަބަރުތައް އެ ދެބޭކަލުންނަށް ގެންގޮސްދެއްވުމުގެ މަސައްކަތްޕުޅު، އަބޫބަކުރުގެފާނުގެ ދެ ދަރިކަލުން، އަސްމާ ބިންތި އަބީ ބަކުރު އަދި ޢަބްދުﷲ ބިން އަބީ ބަކުރު އަދާކުރެއްވިއެވެ.

ހިޖުރައިގެ ހާދިސާއިން ލިބޭ އިތުރު ފިލާވަލަކަށް ޚުޠުބާގައި ގެނެސްފައިވަނީ، ދަތި އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރީން، ސާބިތުކަމާއެކު ﷲ ތަޢާލާއަށް އިތުބާރުކުރުން މަތީ ދެމިތިބޭނެކަމެވެ. އެގޮތުން، އަބޫބަކުރުގެފާނާއި މާތް ނަބިއްޔާ صلى الله عليه وسلم ، ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިއްބަވަނިކޮށް، މައްކާގެ މުޝްރިކުން ގުދުވެ އެމީހުންގެ ފައިދަށަށް ބަލާލިނަމަވެސް އެދެބޭކަލުން ފެންނާނެ ހިސާބަށް ގާތްވުމުން އަބޫބަކުރުގެފާނު ބިރުފުޅުގަނެ، އެވާހަކަ ދެންނެވުމުން ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. " އޭ އަބޫބަކުރުގެފާނެވެ. އެ ދެ ފަރާތަކާއެކު ތިންވަނަ ފަރާތަކަށް ﷲ ތަޢާލާ ވޮޑިގެންވާ ބަޔަކާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟" މި ހާދިސާއާއި ގުޅިގެން ތައުބާ ސޫރަތުގެ 40 ވަނަ އާޔަތް ބާވައިލެއްވި ކަމަށް ޚުޠުބާގައި ވެއެވެ. (ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ).

މި ހާދިސާއިން ލިބޭ ޢިބްރަތްތަކުގެ ތެރެއިން އެންމެ ފަހު ކަމަކަށް ޚުޠުބާގައި ގެނެސްފައިވަނީ، ކަންކަމުގައި ﷲ ތަޢާލާއަށް ވަކީލުކުރަންޖެހޭ ކަމެވެ. ﷲ ތަޢާލާއަށް ވަކީލުކުރުމަކީ އެއްވެސް ޙާލެއްގައި، "ﷲ އަށް ވަކީލުކޮށްފީމޭ" ބުނުމަށްފަހު އެއްވެސް ކަމެއް ނުކޮށް ހުރުން ނޫންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެއީ، ކަންކަން ކުރުމަށް ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން ހިފުމާއެކު، މާތްﷲ ގެ ޙަޟްރަތުން ރައްކާތެރިކަމާއި އެހީތެރިކަން ލިބޭނެކަން ޔަޤީންކުރުން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

ޚުޠުބާގައި އެންމެ ފަހު ކަމަކަށް ގެނެސްފައި ވަނީ، ކޮންމެ ކަމަކަށްވެސް ޘަވާބާއި ދަރުމަ ދެއްވުން ވަނީ އެމީހަކު ޢަމަލުކުރި ނިޔަތުގެ މައްޗަށް ކަމެވެ. ހިޖުރަ ކުރުމުގައިވެސް ފުރިހަމަ ދަރުމަ ލިބިގެންދާނީ އެއީ އެމީހަކު ތެދު ނިޔަތާއެކު، ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައަކަށްވާނަމަ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު