ENGLISH

19 ޖޫން 2025

Advertisement

އީރާނަށް ޙަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް ސީދާ ޖަވާބެއް ނުދެއްވި

19 ޖޫން 2025

|

ހަސަން އާމިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ: ގެޓީ އިމޭޖަސް

އީރާނަށް އެމެރިކާއިން ވެސް ޙަމަލާތައް ދޭން ފެށުމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައިވަނިކޮށް، އިޒްރޭލުން އީރާނަށް ދެމުންދާ ޢުދުވާނުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އީރާނަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ވަނީ ޙަމަލާދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

އިޒްރޭލުގެ ރަހުމުކުޑަ ޙަމަލާތައް މިހާރު އަމާޒުކުރަމުންދަނީ އީރާނުގެ ވެރިރަށް ތެހެރާނަށެވެ.

އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމައްޗަށް ޖަމާކުރަން ފަށާފައިވަނިކޮށް، އެއްވެސް ޝަރުތަކާ ނުލައި، އީރާނުން ހަތިޔާރު ބަހައްޓައި، އަމާން ދިނުމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފައެވެ.

ނަމަވެސް، އިޒްރޭލުގެ ޢުދުވާނުތަކުން ދިފާޢުވުމުގައި ދެމިތިބޭނެކަމަށް ވިދާޅުވެ، އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ޓްރަމްޕްގެ އެ ހުށަހެޅުމަށް ރައްދު ދެއްވައިފައެވެ.

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. --ފޮޓޯ: ރޮއިޓާސް

ޔޫރަޕާއި މެދުއިރުމައްޗަށް އެމެރިކާއިން އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ޖަމާކުރަން ފަށާފައިވާތީ، އީރާނަށް ޙަމަލާދޭން ފަށަން ތައްޔާރުވަމުންދާކަމުގެ ބިރު ބޮޑުވެފައިވާއިރު، އެކަމަށް ސީދާ ޖަވާބެއް ޓްރަމްޕް ނުދެއްވިއެވެ.

"އަޅުގަނޑު އެކަން ކޮށްފާނެ، އަދި ނުކޮށްވެސް ފާނެ. އަޅުގަނޑު ހަދާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އަދި އަންނަ ހަފްތާއަކީ ވަރަށް "ބޮޑު ހަފްތާއެއް" އަކަށް ވެގެންދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އޭގެ އިތުރު ތަފްޞީލެއް ނުދެއްވައެވެ.

އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ ގުޅޭގޮތުން، މިއަދުގެ ވަގުތެއްގައި އެންމެ ފަހުގެ އިންޓެލިޖެންސް ރިޕޯޓެއް ޓްރަމްޕްއާ ޙިއްސާކުރެވޭނެ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނަށް ޙަމަލާ ދިނުމުގެ ޕްލޭނަށް، ޓްރަމްޕް މިހާރުވެސް ވަނީ ހުއްދަ ދެއްވައިފައެވެ. ނަމަވެސް، ޙަމަލާދޭން ނުފަށައި މަޑުކުރައްވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އީރާނުން ދޫދޭނެތޯ ބައްލަވާށެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އިޒްރޭލުގެ ޢުދުވާނުތަކާ ގުޅިގެން، އީރާނުން މިހާރު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް، އެކަން އީރާނުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އެމެރިކާއިން މި ކުރިމަތިލުންތަކުގެ ތެރެއަށް ވަދެއްޖެނަމަ، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވާނެކަމުގެ އިންޒާރު ޚާމަނާއީ ވަނީ ދެއްވައިފައެވެ.

ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ޙަމަލާތަކުގައި، މިހާތަނަށް އީރާނުގެ 224 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެއިތުރުން، އެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 1،200 އަށް އަރައިފައެވެ. އިޒްރޭލުގެ ރަހުމްކުޑަ ޢުދުވާނުތަކުގައި ގެއްލުން ލިބުނު މީހުންގެ 90 އިންސައްތަކީ އާންމުން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން ވެސް އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ބޭނުންކޮށްގެން، ރައްދުގައި ޙަމަލާތައް ދެމުންދާއިރު، އެ ޙަމަލާތަކުގައި މިހާތަނަށް 24 މީހަކު މަރުވެ، އެތައް ސަތޭކަ މީހަކު ޒަޚަމްވެފައިވާކަމަށް ޔަހޫދީންގެ ދައުލަތުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު