ENGLISH
11 ސެޕްޓެމްބަރު 2025
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި
19 ޖޫން 2025
|
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: މިނިސްޓްރީ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 7549 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިފަދައިން ވިދާޅުވީ، ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އިޙްސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންގެ ތެރޭގައި ތިބި ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުން ހިފާ ހައްޔަރުކޮށް، ރާއްޖޭން ބޭރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ހަމައެއާއެކު ޤަވާއިދާ ހިލާފުވާ ވިޔަފާރިތަކުގަ ބައިވެރިވަމުންދާ ފަރާތްތަކާ ވަޒީފާދޭ ފަރާތްތަކަށް ފިލައިގެން ދިޔަ މީހުން ހޯދައި ރާއްޖޭން ބޭރުކުރުމުގެ ކަންތައްތައް ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިގޮތުން ކުށަކަށް އަރައިގަންނަ ފަރާތެއް ނުވަތަ މީހަކަށް ފިލައިގެން ލަނޑުދީފައުޅޭ ފަރާތެއް ކަމުގަ ވާނަމަ އެފަރާތް ޑީޕޯޓް އަޅުގަނޑުމެން ކުރަނީ. އެހެނިހެން ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ހިފާ ހައްޔަރުކޮށް ރާއްޖޭން ބޭރު ކުރަނީ. ޑީޕޯޓޭޝަނެއް ނޫން. އެކަމަކު އޭނަ ފުރުވާލަނީ. މިގޮތަށް އަޅުގަނޑުމެން ވާނީ އަޅުގަނޑުމެން ސަރުކާރު ހަވާލުވިފަހުން މިހާތަނަށް އައިއިރުގަ 7549 ބިދޭސީން، އެއީ ޤަވާއިދާ ހިލާފުވެގެން ރާއްޖޭން ބޭރުވެފަ. މީގެތެރޭގަ އެބަ ހިމެނޭ ކްރައިމްގަ އިންވޯލްވި މީހުން ވެސް ޑީޕޯޓް ކުރެވިފަ" - ވަޒީރު ޢަލީ އިޙްސާން
ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތާއެކު، އެ ވުޒާރާއިން އަންނަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރަމުންނެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މިހާތަނަށް 151،694 މީހުންގެ ބަޔޯމެޓްރިކްސް ނަގާފައިވާނެކަމަށް ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ދެވަނަ ފިޔަވަހީގެ މަސައްކަތް ޖުލައި 1 ވަނަ ދުވަހު ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން، ރަނގަޅަށް ވަޒީފާއަދާކުރާ މީހުންނަށް ޤަވައިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށް ޚާއްޞަ ޕްރޮގްރާމެއް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ، އެ ވުޒާރާގެ އިޙްތިޞާސްގައި ހިމެނޭ އެހެނިހެން މަސައްކަތްތަކުގެ ތަފްޞީލުވެސް ހާމަކުރައްވާފައެވެ.
އެގޮތުން، ވަޒީރު ވިދާޅުވީ ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީ ހޯދުމުގެ މަސައްކަތް ފަށައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އޭގެއިތުރުން، ޤައުމުތަކާ ގުޅިގެން ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭނެ ނިޒާމް ވެސް ހަރުދަނާ ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނައުމަށްފަހު އެމީހުން ލައްވާ މަސައްކަތް ކުރުވާގޮތް ގާތުން މޮނިޓަރކުރަމުން ގެންދަވާނެ ކަމަށެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ވުޒާރާގެ ވަޒީރު، އިޙްސާން ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލައެއް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން ނުގަވައިދުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލުތަކެއް ވަނީ އަންނަ ފަށައިފައެވެ.