ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ސަރުކާރުން ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓް: ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

19 ޖޫން 2025

|

ޢަލީ ޝަހީމް

ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: އެމްޓީސީސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. 

ގުރައިދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީއިންނެވެ. އެއަރޕޯޓް އެޅުމުގެ އަމަލީ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރަނީ ބިން ހިއްކުމުގެ މަސައްކަތެވެ. މަޝްރޫއުއާއެކު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. 

އެމްޓީސީސީން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ، މަޝްރޫޢުގެ އަގަކީ ޖުމްލަ 106.02 މިލިއަން ރުފިޔާ ކަމަށެވެ. 

މަޝްރޫޢުގެ ދަށުން؛ 

  • 13.80 ހެކްޓަރުގެ ބިން ހިިއްކާނެ.
  • 979 ސަރަޙައްދުގައި ހިލަ ރިވެޓްމަންޓް ޖަހާނެ.
  • 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ.

އެމްޓީސީސީން ބުނީ އާބާދީގައި 2272 މީހުން ދިރިއުޅޭ ގުރައިދޫގައި އަކީ އަތޮޅުގައި ވިޔަފާރީގެ މުހިއްމު މަރުކަޒެއް ކަމަށެވެ. އެރަށަކީ އާމްދަނީ ހޯދުމަށް ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރާ ރަށެކެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ވަޒީފާތަކުގައި އެރަށުގެ ރައްޔިތުން ހަރަކާތްތެރިވެއެވެ. 

ގުރައިދޫގައި އެއަރޕޯޓް އެޅުމުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، އެރަށުގެ ގެސްޓްހައުސް ވިޔަފާރިއަށް ކުރިއެރުން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އެސަރަޙައްދުގައި ތަރައްޤީވުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު