ENGLISH

19 ޖޫން 2025

Advertisement

ޑިމޮކްރެޓްސްގެ ޤަރާރާ އެ ޕާޓީގެ ނާއިބު ރައީސް ދެކޮޅު، ވިދާޅުވީ ޤާނޫނީ ބުރަދަނެއް ނެތް ނިންމުމެއް ކަމަށް

19 ޖޫން 2025

|

އަޙުމަދު ޙަމީދު

ޑިމޮކްރެޓިކްސްގެ ނާއިބު ރައީސް އާޝިޔަތު އަލައިކާ އަދުނާނު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނުގެ ވަފާތެރީން އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީން ވަކިވާން ނިންމި ނިންމުމަކީ ޤާނޫނީ ބުރަދަނެއް ނެތް ނިންމުމެއް ކަމަށް ވިދާޅުވެ އެ ނިންމުމާއި އެ ޕާޓީގެ ނާއިބު ރައީސް އާޝިޔަތު އަލައިކާ އަދުނާނު ދެކޮޅު ހައްދަވައިފި އެވެ.

ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ މެންބަރުން އެއްވެ އިއްޔެ ނިންމީ އެ ޕާޓީގެ ހުރިހާ މެންބަރުން އެ ޕާޓީން ވަކިވެ އިދިކޮޅު އެމްޑީޕީއާ ގުޅޭށެވެ. އެއީ ހުރިހާ މެންބަރުންގެ ނަމުގައި ނިންމޭނެ ނިންމުމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެ ގަރާރާއި ގުޅޭގޮތުން އަލައިކާ ވިދާޅުވީ އެއީ ޤާނޫނީ ބުރަދަނެއް ނެތް ނިންމުމެއް ކަމަށެވެ. އަދި ހުރިހާ މެންބަރުން ވަކި ގޮތަަކަށް އަމަލު ކުރަން ނެޝަނަލް އެސެމްބްލީގެ މެންބަރުން އެއްވެ ނުނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަލައިކާ ވިދާޅުވީ ސިޔާސީ ޕާޓީއަކާ ގުޅުމަކީ ކޮންމެ ރައްޔިތަކަށް ވެސް އޮތް ޙައްޤެއް ކަމަށެވެ. އަދި ވަކި ގޮތަކަށް ޢަމަލު ކުރަން އެއްވެސްް ރައްޔިތަކަށް ވަކި މީހަކަށް ނުވަތަ ބަޔަކަށް ނޭންގޭނެ ކަމަށެވެ. އެހެން ކަމުން ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން ވަކި ޕާޓީއަކާ ގުޅުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ނިންމި ނިންމުމާއި ކަނޑައެޅިގެން ދެކޮޅު ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެދުގައި އޮތް ސިޔާސީ ވާދަވެރި ކަމުގަ އެވެ.

އަދި އަލުން އެ ޕާޓީ އުވާލާ އެމްޑީޕީއާ އެ މެންބަރުން ގުޅެން މި ނިންމީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. އިދިކޮޅު ޕާޓީއެއްގެ ހަޤީޤީ ދައުރު އަދާކުރުމުގެ ބަދަލުގައި އެމްޑީޕީގައި މިހާރު އޮތީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރި ކަމެވެ.

ކުރީގެ ރައީސް ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއާ އެ ޕާޓީގެ ރައީސް ޝާހިދު ވެސް ގެންދަވަނީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު ވެސް އެ ޕާޓީއާ ގުޅުމުގެ ބޭނުމަކީ ރިޔާސީ ޓިކެޓް ހޯއްދެވުމެވެ.

ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.

ހަޤީޤީ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރުމުގެ ބަދަލުގައި މީގެ ތިން އަހަރު ފަހުން އޮންނަ ރިޔާސީ އިންތިޚާބުގެ ވާދާގައި އެމްޑީޕީގެ ވެރީން މަސައްކަތް ކުރަމުން ގެންދާތީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު