ENGLISH
19 ޖޫން 2025
ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފި
19 ޖޫން 2025
|
ނައިފަރު ފިހާރަ ފަޅާލާ ވަގަށް ނެގި ތަކެތި
ޅ. ނައިފަރު ފިހާރައެއް ފަޅާލައި ވަގަށް ނެގި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފި އެވެ.
ފުލުހުން ބުނީ ވައްކަމުގެ މި މައްސަލަ ހުށައެޅީ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން އެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައި ވެއެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ވަނީ ހޯދާފައެވެ.
އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްފައެވެ. ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާ މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ބުންޏެވެ.