ENGLISH
19 ޖޫން 2025
ސާވިސް ޗާޖު ދިވެހި ފައިސާއިން ދޭން ނިންމުމަކީ ޙައްޤު ނިންމުމެއް ނޫން: ޤާސިމް
19 ޖޫން 2025
|
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް -- ފައިލް ފޮޓޯ
މިއަންނަ މަހުން ފެށިގެން ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައެއް ރިސޯޓްތަކާއި ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒިފުންނަށް މިއަންނަ މަހުން ފެށިގެން ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ނިންމި ކަމަށް ބުނާ ބުނުމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގާ ވިލާ ގުރޫޕްގެ ޗެއާމަންގެ މަޤާމުގައި ވެސް ހުންނެވި ޤާސިމް އިބްރާހިމް ވިދާޅުވީ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީ ނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިޚްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަން ފާހަގަ ކުރައްވާ ޤާސިމް ވިދާޅުވީ ފަތުރުވެރީން އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން ކަމުން އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
"...ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއް ވެސްމެ އެވެ," ރާއްޖޭގެ ޓޫރިޒަމްގައިވެސް ބޮޑު ހިއްސާއެއް އޮތް ޤާސިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ ޑޮލަރުން ލިބޭ ސާވިސް ޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
".. އަޅުގަނޑަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހަކީ މެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތި އެބަ އޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސް ޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ," ޤާސިމްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ ބައެއް އެހެން ކުންފުނިތަކުން މި ހާލަތާއި ގުޅިގެން މުސާރަ ވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުއައްޒަފު މީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާނަމަ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ބަދަލު ގެނައީ ވަރަށް މާތް މަޤްސަދެއްގަ އެވެ. އެއީ ޤައުމާއި މުޅި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ބޭނުމަކީ ދިވެހީން ބޭނުންވާ މިންވަރަށް ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށް ދިނުމާއި ބޮޑު އަގުގައި ޑޮލަރު ގަންނަން ގަތުން ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ތަކުލީފުތަކަށް ނިމުން ގެނައުމެވެ.