ENGLISH
19 ޖޫން 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރަން ފެށުން: ދާއޫދު މަޤާމުން ވަކިކޮށްފި
19 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު: އޭނާ ވަނީ މަޤާމުން ވަކި ކުރައްވާފައި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފި އެވެ.
އެ ނިންމެވުން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފި ކަމަށެވެ.
އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފަ އެވެ. އެމަނިކުފާނު ވަނީ އެ ރިޕޯޓް އޮތްގޮތަށް ޢާންމު ކުރެއްވުމަށް އަންގަވާފަ އެވެ. އެ އެންގެވުމާ ގުޅިގެން ރިޕޯޓް ވަނީ ޢާންމު ކުރައްވާފަ އެވެ.
މިއީ މިފަދަ މައްސަލައެއްގައި ކުރީން ޢަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 5:38 އެހާކަންހާއިރު ރައުދު އަޙްމަދުއާ އޭނާގެ ބޭބެ ދާއޫދު އަޙްމަދު ދިމާވެފައިވާ ކަމަށެވެ. އަދި ހ. މާއިރާއަށް ރައުދު ވަދެފައިވަނީ އަމިއްލައަށް ކަމަށާ ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް މި މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ކޮށްފައިނުވާ ކަމަށް ދާޢޫދު ބުނެފައިވާ ކަމަށެވެ.
އަދި ރައުދު, ޔުމްނު ވެއްޓުމާއި ބެހޭ އެއްވެސް ވާހަކައެއް ދާއޫދު ގާތުގައި ބުނެފައި ނުވާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ.
ނަމަވެސް އެ ދުވަހުގެ އެކި ވަގުތުތަކުގައި މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ މިިނިސްޓަރު ޢަލީ އިޙްސާންއާ މުޢާމަލާތްކޮށް ވާހަކަ ދައްކާފައިވާ ކަމަށާ ރައުދު ބަލާ, ދާއޫދު ހ. މައިރާގެ ތިރިއަށް ފޭބިކަން ދާއޫދުގެ ދެ ރައްޓެހިން ކަމަށްވާ މުޙައްމަދު އިޔާން އާއި ސާއިފް މުޙައްމަދު ބުނެފައިވާ ކަމަށެވެ.
ދާއޫދު, މި މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.