ENGLISH
19 ޖޫން 2025
އުއްމީދު ކުރަނީ ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމާއެކު ގާތުން މަސައްކަތްކުރުން: މިނިސްޓަރު ޚަލީލް
18 ޖޫން 2025
|
ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލު - ފޮޓޯ: ސަރުކާރު
ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދުގައި އޮންނަ އެކުވެރި ގާތް ގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާ ކަމަަށް ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއާއި ވިއެޓްނާމް އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ބުއި ތަންހް ސަން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ދެޤައުމުގެ މެދުގައި ބަދަހިވަމުން އަންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.
އޭގެ އިތުރުން ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ވިއެޓްނާމް ސަރުކާރަށް އަދި ވިއެޓްނާމްގެ ރައްޔިތުންނަށް އަރިސްކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.
މިނިސްޓަރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ ވިއެޓްނާމްގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްހަތާއި ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.