ENGLISH
18 ޖޫން 2025
ނާއިބު ރައީސް ހދ. އަތޮޅު ކައުންސިލު މެންބަރުންނާ ބައްދަލު ކުރައްވައިފި
18 ޖޫން 2025
|
ނާއިބު ރައީސް ހދ. އަތޮޅު ކައުންސިލު މެންބަރުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ޤާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވި އެވެ.
އަދި ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައް ވެސް އެބޭފުޅުން ހިއްސާކުރެއްވި އެވެ.
މީގެއިތުރުން އިޤުތިޞާދީ ގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.