ENGLISH
18 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލް ކޮށްފަ އެވެ. ޒަމްޢަތު އަޙްމަދު ވަޙީދު 2006 ވަނަ އަހަރުން ފެށިގެން މީޑިއާގެ މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވަމުން އައިސްފައިވެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު ހަމަޖެއްސުމަށް އެކަމަށް އެދި ކުރިމަތިލީ ބޭފުޅުންނާއި އިންޓަވިއުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެންމެ މަތީން މާކުސް ދިނީ ވެސް ޒަމްޢަތަށެވެ. ޒަމްޢަތަށް 89.29 މާކުސް ދީފައިވެ އެވެ.