ENGLISH
18 ޖޫން 2025
ޑިޖިޓަލް ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް! އީފާސްގަައި ރާއްޖޭގެ އާބާދީގެ 85 އިންސައްތަ ރަޖިސްޓްރީކޮށްފި
18 ޖޫން 2025
|
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު - ފޮޓޯ: ހޯމް މިނިސްޓްރީ
ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ކާޑު، އީ-ފާސްގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުވާނެ ގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ޑިޖިޓަލް ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވީ، އެގޮތުން ބަލާއިރު، މިހާތަނަށް 260،000 އަށްވުރެ ގިނަ މީހުން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ކާޑު، އީފާސްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ޑރ. ކިނާނަތު ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ މަސައްކަތް ކުރަން ފަށާފައިވަނީ ވެސް އެ އަމާޒަށް ވާސިލު ވުމަށް ކަމަށެވެ. އަދި މި ބިލާއެކު އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތުގެ ސަލާމަތް ކަށަވަރުކުރެވޭނެކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާކަން ސްޓޭޓް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި ސައިބަރ ސެކިއުރިޓީ ބިލު މިހާރު ބަނޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޯލްޑިވްސް 2.0 ބިލާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބިލުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ޑރ. ކިނާނަތު ހާމަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައިސީޓީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޮލޮޖީ ގަވަނަންސް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އީގަވަމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ވެސް ނިންމާފައިވެއެވެ.