ENGLISH
01 ޖުލައި 2025
ވިލިމާލޭގެ މަސްޖިދުއް ސަލާމުގެ ބަދަލުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަނީ
18 ޖޫން 2025
|
ވިލިމާލެ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލޭ ސަލާމް މިސްކިތުގެ ބަދަލުގައި ޒަމީނީ ފެންވަރުގެ ބޮޑު މިސްކިތެއް ޢިމާރާތް ކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާތީ، ކުރިއަށް އޮތް ދެ އަހަރު ތެރޭ މިސްކިތް ނިންމާ ގޮތަށް އެފަރާތާ ޙަވާލުކުރަން ކުރަން ނިންމާފައިވާ ކަމަށެވެ. ވަޒީރު ޝަހީމް ވިދާޅުވީ މިސްކިތް ބިނާކުރާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
މަސްޖިދުއްސަލާމް އަކީ ވިލިމާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތެވެ. އެ މިސްކިތުގެ އިތުރުން ޒަމާނީ ފެންވަރުގެ ބޮޑު ދެ މިސްކިތް ވިލިމާލޭގައި ހުރެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވީހާ ވެސް ގިނަ މިސްކިތްތައް އިމާރާތް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އަންނަނީ މަސަައްކަތް ކުރަމުންނެވެ. މި ގޮތުން ހުޅުމާލޭގެ ފޭސް 2 ގައި ހަދާ ބައެއް މިސްކިތްތައް މި އަހަރުތެރޭ ހުޅުވާނެ ކަމަށް ވުޒާރާ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްތެރޭ އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މި ހިނގާ 2025 ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި ނޫސްވެރިންގެ ދިގު ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.