ENGLISH

01 ޖުލައި 2025

Advertisement

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ: ވަޒީރު

18 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި، މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތުން އެކަން ހާސިލް ކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެއްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހުއްޓި، އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން އުވާލައި، މަޝްރޫޢުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"2026 ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް ރައީސް ނިންމަވާފައިވާ ނިންމުން އެޗީވް ވާނެގޮތަށް މަސައްކަތް ކުރިއަށްދަނީ،" - އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެއްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

ކުރީގެ މަޝްރޫޢުތަކުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޕްރޮޖެކްޓުތައް ހިންގާ، ޑިޒައިން ފައިނަލްނުކޮށް މަޝްރޫޢުތައް ފަށާފައިވާއިރު އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަންޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ވެސް ސަބްކޮންޓްރެކްޓް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މި މައްސަލަތަކުގެ ސަބަބުން މަޝްރޫޢުތައް ލަސްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މަޝްރޫޢުތައް އަލުން ފަށައި، ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދެވޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު މުއްތަލިބު ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒު ކަމަށާއި، މި އަމާޒު ޙާޞިލުކުރުމަށް ސަރުކާރުން ދުވަހަކަށް ވުރެ ދުވަހެއް އިތުރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު